އަފްޣާނިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. ނަންގްޔަލާއީ ތަރްޒީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އައު ސަފީރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހާ ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ދައުރު މިހާރު ފުޅާވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ރާއްޖެއިން ކުރައްވަމުންގެންދަވާ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތު ދެއްވިއެވެ. މީގެއިތުރުން ތިމާވެށީގެ ރޮނގުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބަޔާންކޮށްދެއްވިއެވެ.
އަފްޣާނިސްތާންގެ ސަފީރު ޑރ. ނަންގްޔަލާއީ ތަރްޒީ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާއި އަފްޣާނިސްތާންގެ ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތްޕުޅު ކުރައްވާނެކަމަށާއި ވަކިން ޚާއްސަކޮށް ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވެ އެކަމުގެ ޔަޤީންކަން މަޖިލީހުގެ ރައީސަށް ދެއްވިއެވެ. މިބައްދަލުވުން އޮތީ މަޖިލީހުގެ ގޭގައެވެ.
21 ޛުލްޤަޢިދާ 1432
19 އޮކްޓޯބަރ 2011