އަންހެނުންނަށް އަނިޔާކުރުން ނައްތާލުމަށް، މަޖިލީހުން ޤަރާރެއް ފާސްކުރައްވައިފި

މިއަދު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 68 ވަނަ ޖަލްސާގައި، އަންހެނުންނަށް އަނިޔާކުރުން ނައްތާލުމުގެ ބައިނަލްއަޤުވާމީ ދުވަހަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އަންހެނުންނަށް އަނިޔާކުރުން ހުއްޓުވުމަށް ޤަރާރެއް ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިޤަރާރަށް ކަނޑައެޅިފައިވާ ވަގުތުތެރޭގައި ވާހަކަދެއްކެވުމަށް އެދިވަޑައިގެންނެވި މެންބަރުންނަށް ރިޔާސަތުން ފުރުޞަތު އެރުވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ނ) ގެ ދަށުން، މިޤަރާރަށް ވޯޓަށް އެއްސެވުމުން ފާސްވީ އެވަގުތު ޖަލްސާއަށް ޚާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާ ކުރިއަށްގެންދެވިއެވެ. މިބިލަށް މިއަދުގެ ޖަލްސާގައި 10 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މި ބިލު ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރެއްގައި، އަދި ފަހަކަށް އައިސް މީހުން ދިރިއުޅޭ ރަށްރަށުން ފެންނަ ބަނގުރަލުގެ ޢަދަދު އިތުރުވެފައިވާއިރު، އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްފަދަ ތަންތަން ހަދައި ހިންގުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ދަނޑިވަޅެއްގައި، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހެދިފައި ހުންނަ ހޮޓާތަކާއި ގެސްޓްހައުސްފަދަ ތަންތަނުންނާއި ދިވެހި ރައްޔިތުން ޢާންމުކޮށް ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ވައިގެ ބަނދަރުތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ހޯދުމަށް އެކިފަރާތްތަކުން އެދެމުންދާކަމުގެ ވާހަކަތައް ދެކެވެމުންދާތީއާއި، އަދި މިކަމާގުޅޭގޮތުން މިހާރު އޮތް ޤާނޫނީ އޮނިގަނޑަށް ސަރުކާރުގެ ސިޔާސަތަށް ގެނެވޭ ބަދަލެއްގެ ތެރެއިން މިފަދަ ތަންތަނުގައި ބަނގުރާ ވިއްކަން ހުއްދަ ދޫކުރުމުގެ ފުރުޞަތު އޮތްކަމަށްޓަކައި އެކަމަށް އޮތްމަގު ޤާނޫނީގޮތުން ބަންދުކޮށް، ދިވެހި ޢާންމު ރައްޔިތުންނާ ގާތަށް ބަނގުރާ ފޯރުން ހުއްޓުވުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުން ދިވެހިން ޢާންމުކޮށް އުޅޭ ތަންތަނާއި ގޮސްއުޅޭ ތަންތަނުގައި ފަސޭހައިން ބަނގުރާ ލިބެން ހުރުން ހުއްޓުވުމުގެ ބޭނުމުގައެވެ.

ސުވާލުގެ ވަގުތުގައި، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާ ކުރައްވާ ސުވާލުކުރެއްވުން އޮތެވެ. މިސުވާލަށް މިނިސްޓަރ ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލުކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި، ޖުމްލަ 10 މެންބަރުން ސުވާލު ކުރެއްވިއެވެ.

65 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 1 ޑިސެމްބަރ 2009 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.