ސީ.ޕީ.އޭ ގެ އެގްޒެކެޓިވް ކޮމިޓީގެ މިޑް އިޔަރ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްވާޒީލޭންޑަށް ވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މާލެވަޑައިގެންފިި

މިމަހުގެ 9 ން 13 ށް އެފްރިކާގެ ކުޑަ ޤައުމެއް ކަމުގައިވާ ސްވާޒީލޭންޑްގައި ބޭއްވުނު ކޮމަންވެލްތް ޕާރލިމަންޓްރީ އެސޯސިއޭޝަންގެ (ސީ.ޕީ.އޭ) ގެ އެގްޒެކެޓިވް ކޮމިޓީގެ މިޑް އިޔަރ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްވާޒީލޭންޑަށް ވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިއްޔެ ހަވީރު މާލެވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މިދަރުފުޅުގައި ސްވާޒީލޭންޑްގެ ސެނެޓްގެ ރައީސް ސެން ގެލަން ޒްވޭން          (Sen. Gelane  Zwane) އާއި ހައުސްއޮފް އެސެމްބްލީގެ ސްޕީކަރ ޕްރިންސް ގުޑުޒާ     (Hon. Prince Guduza) އާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސްވާޒީލޭންޑުގެ ޤާނޫނުހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކޮށް މަޢުލޫމާތު ބަދަލުކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވެވިއެވެ.

މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގެ ލޮކް ސަބާގެ ސްޕީކަރ މެއިރާ ކުމާރު          (Smt. Meira kumar) އާއި ސައުތު އެފްރިކާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކާރ މެކްސް ވުއީސިލީ ސިސުލޫ  (Hon Max Vuyisile Sisulu) އާވެސް ބައްދަލުކުރެއްވިއެވެ.

ސީ.ޕީ.އޭގެ އެނުއަލް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ސްވާޒީލަންޑްގައި ބޭއްވުނު މިބައްދަލުވުމުގައި އަހަރީ ކޮންފަރެންސްގެ އެޖެންޑާއާއި މާލީ ބަޖެޓް އެކުލަވާލުމާއި ކުރިއަށް ހުރި އެކިއެކި ޕްރޮގްރާމް ތަކާމެދު މަޝްވަރާ ކުރުމަށްޓަކައި ކުދި ކޮމެޓީތަކެއް އެކުލަވާލެވުނެވެ. އެގޮތުން ޕްލޭނިންގ އާބެހޭ ކޮމިޓީގައި މަޖިލީހުގެ ރައީސް ހިމެނިވަޑައިގަތެވެ. އަދި ކުރިއަށް އޮތް އަހަރަށް ސީ.ޕީ.އޭ އިން ރާވާ ކަންތައްތަކުގެ ދެލިކޮޕީއެއް އެކުލަވާލައި އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުނެވެ.

މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ސީ.ޕީ.އޭގެ އެނުއަލް ކޮންފަރެންސް މިއަހަރު ބޭއްވޭ ޤައުމުކަމުގައިވާ ކެންޔާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރ ކިނެތު މެރަންޑާ             (Hon. Kenneth Marende, EGH) އާވެސް ބައްދަލު ކުރެއްވެވިއެވެ.