މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން، ކޮމިޓީތަކަށް މިހާރު ގެނެވުނު ބަދަލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން، ކޮމިޓީތަކަށް މިހާރު ގެނެވުނު ބަދަލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީތަކަށް ގެނެވުނު ބަދަލު ފާސްކުރަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 71 މެންބަރުންނެވެ. ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް 1  މެންބަރަކު ވޯޓް ދެއްވާފައިވާއިރު، 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

ކޮމިޓީތަކަށް ގެނެވުނު ބަދަލު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ޔައުމިއްޔާގައި ޝާއިޢު ކުރައްވާނެކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގެ ވެބްސައިޓުގައިވެސް އެ މައުލޫމާތު ހިމެނިފައިވާނެއެވެ.

އަދި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްެދާގެ (ރ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢައްޔަނުކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކު ހޮވުމަށްޓަކައި އެކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތަކުގެ ތެރެއިން ދަފްތަރު ނަންބަރު ރސ. 1890 އަޙްމަދު ނަޝީދު ޙުސައިން (ބީ.ޕީ ގިލްޑް އޮފް މޯލްޑިވްސް) ގެ ނަންފުޅު ފާސްކޮށްފައިވެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ މަޤާމަށް 9 އޮކްޓޯބަރ 2011 ވީ އާދިއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ނަންފުޅު މަޖިލީހަށް އިއްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދުގެ ޖަލްސާގައި ފޮނުވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް މި ބިލު ބަލައިގަތުމަށް މަޖިލީހުން ފާހެއްނުވިއެވެ.

މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ދޯހަޅިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި ރައްޔިތުން ހަނާވަމުންދާ މި ދަނޑިވަޅުގައި ފިއުލް ސަރޗާޖްގެ ނަމުގައި ނަގާ އަދަދު އިންތިހާއަށް ބޮޑުވަމުން ދިޔުމުގެ ސަބަބުން ކަރަންޓުގެ އަގު އުފުލި ރައްޔިތުން ހާލުގައި ޖެހިދާނެކަމުގެ ނުރައްކާ ކުރިމަތިވެފައިވާތީ ފިއުލް ސަރޗާޖު ނެގުން ހުއްޓާލާ ރައްޔިތުންނަށް ޚަރަދު ކުޑަ، ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް އާއި ސަރުކާރުގެ ފަރާތުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ.

14 ޛުލްޤައިދާ 1432

12 އޮކްޓޯބަރ 2011