ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

ސަރުކާރުން ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލު ހުށަހަޅުއްވާ ބޭނުމަކީ ދިވެހިރާއްޖޭގައި ބިމުގެ ދަތިކަން ހުރިގޮތުން ވަކިވަކި ފަރުދުންނަށް ބިން މިލްކުކުރެވޭނެ ފުރުޞަތު ކުޑަވެފައިވާތީ، އެއް ޢިމާރާތެއްގައިވާ ވަކިވަކި ފްލެޓްތައް، ވަކިވަކި ފަރުދުންނަށް މިލްކްކުރެވޭނެ މަގުފަހިކޮށްދީ، ވަކިން މިލްކްކުރާ ގޯއްޗެކޭ އެއްފަދައިން، އެފްލެޓްތަކުގައި ދިރިއުޅެ، އެތަންތަން ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތުކުރެވޭނެ މަގުފަހިކޮށްދިނުމެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދު ފަހަރު ގިނަވެ، އެތަކެތި ޕާކްކުރެވޭނެ ޖާގަނެތުމުގެ ސަބަބުން ޢާންމުންނަށް މަގުތަކުގައާއި ފިހާރަތަކަށް އަދި ގެއިން ނުކުމެ އުޅުމަށް ދަތިވެފައިވާތީ، މިކަން ޙައްލުކުރުމަށް މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ އާއި އަދި އެފަދަ ފިޔަވަޅެއްވާނަމަ، އެކަމުގެ ތަފްޞީލް ވިދާޅުވެދެއްވުމަށް އެދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން އަލްފާޟިލް މުޙަންމަދު ޢާދިލް ސަލީމާ ސުވާލުކުރެއްވުން އޮތެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 12 އޮކްޓޯބަރ 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

 

13 ޒުލްޤައިދާ 1432

11 އޮކްޓޯބަރ  2011