ބައެއް މެންބަރުން ކުރިން ތިއްބެވި ޕާޓީ އިން ވަކިވެވަޑައިގަތުމާ ގުޅިގެން މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ރިޔާސަތުން މިއަދު އިޢުލާން ކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ދިވެހިރައްޔިތުންގެ ޕާޓީގައި ހިމެނިވަޑައިގަންނަވާ 2 މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގެންނެވުމާއި އަދި ޕީޕަލްސް އެލަޔަންސްގައި ހިމެނިވަޑައިގަންނަވާ 2 މެންބަރަކު އެ ޕާޓީއިން ވަކިވެވަޑައިގެންނެވުމާ ގުޅިގެން މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ރިޔާސަތުން އިޢުލާން ކުރައްވައިފިއެވެ.

މިގޮތުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަދަދަކީ 34 އެވެ. ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަަދަދަކީ 15 އެވެ. ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަދަދަކީ 2 އެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 2 އެވެ. އަދި ދިވެހި ޤައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެއްމެންބަރެކެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުންގެ ޢަދަދަކީ 23 އެވެ.

މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ގަވާއިދުގެ 29-1ގެ (ބ)ގެ ދަށުން އިޢުލާން ކުރެވުނު ޑީ.އާރު.ޕީއިން ވަކިވެވަޑައިގެންފައިވާ ނަންފުޅުތަކަކީ ހަނިމާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު މުޖުތާޒު، ވިލިމާފަންނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ނިހާން ޙުސައިން މަނިކްއެވެ. އަދި  މީގެއިތުރުން މިއަދުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙިމް ޢަބްދުﷲ، އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ރަޝީދު އިބްރާހީމްގެ ނަންފުޅުތައްވެސްވަނީ މަޖިލީހުގެ ގަވާއިދުގެ 29-1ގެ (ބ)ގެ ދަށުން ރިޔާސަތުން އިޢުލާންކުރައްވާފައެވެ.