ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނުގޮތް

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ތާވަލްކުރެވިފައިވެއެވެ. އެއީ އިޤްތިޞާދީ ކޮމިޓީ، މާލިއްޔަތު ކޮމިޓީ، ޤައުމީ ސަލާމަތު ކޮމިޓީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އެވެ.

އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:46 ގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު،  ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލުު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި ވިލިމާފަންނުދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިންމަނިކު އެވެ. މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީއަށް އައިސްފައިވާ “ރަހުނުގެ ބިލް” ދިރާސާކޮށް ނިންމަވާނެ ސުންގަޑިއެއް ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިއަށްފަހު، ކޮމިޓީއަށް ފޮނުވިފައިވާ ބިލުތަކުގެ ތެރެއިން ސުންގަޑި ހަމަވެފައިވާ ބައެއް ބިލްތަކުގެ ސުންގަޑި އަލުން ކަނޑައެޅުއްވިއެވެ. އަދި މިބައްދަލުވުމުގައި ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގެ މަސައްކަތް ކުރިއަށް ގެންދަވާފައިވެއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:45 ގައެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އެވެ. ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް ގެ ބަދަލުގައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ. މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ މުސާރައިގެ އިތުރުން ލިވިންގ އެލަވަންސް އާއި އެހެނިހެން އެލަވަންސް ލިބިވަޑައިގަންނަވާ ފަރާތްތަކުން ދައުލަތުގެ އިމާރާތްތަކުގައި ތިއްބެވުމާއިމެދު ދެކެވަޑައިގަންނަވާގޮތް އަންގަވައިދެއްވުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަންއިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވުމެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި އެއްގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އެ ކޮމިޝަނުން ކުރަން ބޭނުންވާ މަސައްކަތްތަކަށް ފައިސާ ހަމަޖައްސަވައި ދެއްވުމުގައި ތަކުރާރުކޮށް ލަސްވަމުންދާ މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށްފަހު އެކަށީގެންވާ ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ރައްޔިތުންގެ އިންޖީނުގެތަކަށް ސަބްސިޑީ ނުލިބި، އެއިންޖީނުގެތަކަށް ގެއްލުންވަމުން ދިޔުމާއި ގުޅިގެން، އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއިންނާއި ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެވުނެވެ.

ޤައުމީ ސަލާމަތު ކޮމިޓީ ބޭއްވިފައިވަނީ 13:45 ގައެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އެވެ.  މިބައްދަލުވުމުގައި ” ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ރިޕްބަލިކް އޮފް މޯލްޑިވްސް އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާރސް ” ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރުމުގެ މައްސަލަ ދިރާސާކުރެއްވިއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ ބޭއްވިފައިވަނީ 14:15 ގައެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ “ޓެކްސް ނެގުމުގެ އިދާރީ ބިލް”އަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.

6 ޛުލްޤަޢިދާ 1432

4 އޮކްޓޯބަރ 2011