ބައެއް މެންބަރުން ކުރިން ތިއްބެވި ޕާޓީ އިން ވަކިވެވަޑައިގަތުމާ ގުޅިގެން މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ރިޔާސަތުން މިއަދު އިޢުލާން ކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާގައި، ދިވެހިރައްޔިތުންގެ ޕާޓީގައި ހިމެނިވަޑައިގަންނަވާ 6 މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގެންނެވުމާއި އަދި ޕީޕަލްސް އެލަޔަންސްގައި ހިމެނިވަޑައިގަންނަވާ 3 މެންބަރަކު އެ ޕާޓީއިން ވަކިވެވަޑައިގެންނެވުމާ ގުޅިގެން މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ރިޔާސަތުން އިޢުލާން ކުރައްވައިފިއެވެ.

މިގޮތުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަދަދަކީ 34 އެވެ. ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަަދަދަކީ 17 އެވެ. ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަދަދަކީ 4 އެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 2 އެވެ. އަދި ދިވެހި ޤައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެއްމެންބަރެކެވެ. ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި މަޖިލީހުގެ ދަފްތަރުގައި މިހާރު ތިއްބެވި މެންބަރުންގެ ޢަދަދަކީ 19 އެވެ.

މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ގަވާއިދުގެ 29-1ގެ (ބ)ގެ ދަށުން އިޢުލާން ކުރެވުނު ޑީ.އާރު.ޕީއިން ވަކިވެވަޑައިގެންފައިވާ ނަންފުޅުތަކަކީ ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ އާރިފް، ގެމަނަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަޙުމަދު، އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަފްރާޝީމް ޢަލީ، ފުވައްމުލަކު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރަފީޤު ޙަސަން، އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްމުޙުސިން ޙަމީދުއެވެ. އަދި  މީގެއިތުރުން މިއަދުގެ ޖަލްސާގައި ޕީއޭ އިން ވަކިވެވަޑައިގެންނެވި މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޔާމީން، މާވަށު

ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް ޢަބޫބަކުރު، ގަމު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޔޫސުފް ޢަބްދުލްޣަފޫރުގެ ނަންފުޅުތައްވެސްވަނީ މަޖިލީހުގެ ގަވާއިދުގެ 29-1ގެ (ބ)ގެ ދަށުން ރިޔާސަތުން އިޢުލާންކުރައްވާފައެވެ.

 

6 ޛުލްޤައިދާ 1432

4 އޮކްޓޯބަރ 2011