މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ޤަރާރުގެ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ދައުލަތުން ދެމުންގެންދާ ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރުގެ ބަހުސް ކުރިއަށްގެންދެވައިފިއެވެ. މިއަދުގެ ޖަލްސާގައި، މިޤަރާރަށް 7 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. މިބިލު ސަރުކާރު ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އޮނިގަނޑު އެކަށައެޅުމާއި، އެވިޔަފާރިތައް މަރުކަޒީކޮށް ރަޖިސްޓަރީކުރުމުގެ ނިޒާމެއް ޤާއިމުކުރުމާއި، އެވިޔަފާރިތަކަށް ފަހި މާޙައުލެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒިފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަގުފަހިކުރުމާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތައް އިތުރުކުރުމާއި، ވިޔަފާރި ތަރައްޤީކުރުމުގެ ޚިދުމަތްތައް އެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމާއި، ދަރަންޏަށް ފައިސާ ހޯދުމުގައި އެ ވިޔަފާރިއަކަށް ހުރި ގޮންޖެހުންތައް ނައްތާލުމުގައި އެހީތެރިވެދިނުމާއި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި، މިހިނގާ 2011 ވަނަ އަހަރުގެ ބަޖެޓުގައި މަސްވެރިންނަށް ސަބްސިޑީ ދޫކުރުމަށް 100 މިލިއަން ރުފިޔާ ހިމަނާފައިވީނަމަވެސް، އެ ފައިސާ މިއަދާ ހަމައަށްވެސް މަސްވެރިންނަށް ދޫކޮށްފައިނުވާ ސަބަބަކީ ކޮބައިތޯއާއި އަދި އެ ފައިސާ މަސްވެރިންނަށް ދޫކުރަން ފަށާނެ ތާރީޚެއް  އޮޅުންފިލުއްވައިދެއްވުމަށް އެދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު އިނާޒްއާ ސުވާލުކުރެއްވުން އޮތެވެ. މިސުވާލަށް މިނިސްޓަރ ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލުކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި، ޖުމްލަ 15 މެންބަރުން ސުވާލު ކުރެއްވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 4 އޮކްޓޯބަރ 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

5 ރަޖަބް 1431

3 އޮކްޓޯބަރ  2011