އަންހެނުންނަށް އަނިޔާކުރުން ނައްތާލުމަށް، މަޖިލީހުން ޤަރާރެއް ފާސްކޮށް، މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރައްވާނީ

އަންހެނުންނަށް އަނިޔާކުރުން ނައްތާލުމުގެ ބައިނަލްއަޤުވާމީ ދުވަހަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން މާދަމާ، އަންހެނުންނަށް އަނިޔާކުރުން ހުއްޓުވުމަށް ޤަރާރެއް ފާސްކުރައްވައި، މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާ (25 ނޮވެމްބަރ 2009) ގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވާ އަންހެނުންނަށް އަނިޔާކުރުން ހުއްޓުވުމަށް ގޮވާލާ ޤަރާރާމެދު މަޖިލީހުގައި 45 މިނެޓުގެ ގަޑިއިރުގެ ވަގުތުގައި މެންބަރުން ބަހުސްކުރައްވާނެއެވެ. އެއަށްފަހު، ޤަރާރު ފާސްކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެއެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާ ނިމުމުން، ޖަލްސާކުރާ މާލަމުން މެންބަރުން ނުކުމެވަޑައިގެން، މާލަމުގެ ބޭރުގައި އަންހެނުންނަށް އަނިޔާކުރުމަށް ނޫނެކޭ ބުނެ، އެކަން ހުއްޓުވުމަށް އެއްބައިވުމުގެ ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން، “ނޫނެކޭ ބުނޭ” ޕެޓިޝަނެއްގައި ނަން ޖައްސަވައި، ސޮއިކުރައްވާނެއެވެ. މި ޕެޓިޝަނަކީ، އ.ދ ގެ އަންހެނުންގެ ތަރައްޤީގެ ފަންޑުކަމުގައިވާ، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ފަންޑް ފޯ ވިމެންސްގެ ފަރާތުން އިސްނަގައިގެން އ.ދ ގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ފަށްޓަވާފައިވާ ކެމްޕޭނަކާގުޅޭ ގޮތުން މުޅި ދުނިޔޭގައި ކުރިއަށް ގެންދެވޭ ޕެޓިޝަނެކެވެ.

މާދަމާ ދުނިޔޭގައި ފާހަގަކުރެވޭ އަންހެނުންނަށް އަނިޔާކުރުން ނައްތާލުމުގެ ބައިނަލްއަޤުވާމީ ދުވަހަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ޤާނޫނުހަދާ މަޖިލިސްތަކަށް ގޮވާލައި، ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާކަމުގައިވާ އިންޓަރ-ޕާލަމަންޓްރީ ޔޫނިއަންއިންވެސް ދަނީ ބާރު އަޅަމުންނެވެ.