އޭޝިއަން ޕާލިމެންޓަރީ އެސެބްލީ ސްޓޭންޑިން ކޮމިޓީ އޮން ސޯޝަލް އެންޑް ކަލްޗަރަލް އެފެއަރޒްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މަޖިލީހުގެ 2 މެންބަރަކު ފުރާވަޑައިގެންފި

އީރާންގެ ވެރިރަށް ތެޙެރާންގައި މިމަހު 13 އިން 14 އަށް ކުުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޭޝިއަން ޕާލިމެންޓަރީ އެސެބްލީ ސްޓޭންޑިން ކޮމިޓީ އޮން ސޯޝަލް އެންޑް ކަލްޗަރަލް އެފެއަރޒްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުއްޠަލިބާއި، ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޒުބައިރު ފުރާވަޑައިގެންފިއެވެ.

މިބައްދަލުކުރެއްވުމުގައި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމާއި، ސަޤާފީ ކަންތައްތައް ހިމާޔަތް ކުރުމާއި ދެމެހެއްޓެވުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ގްލޯބަލައިޒޭޝަންގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިއެރުންތަކާއި ބެހޭގޮތުންވެސް މިފެށޭ އޭޕީ.އޭ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އޭ.ޕީ.އޭ އަކީ އޭޝިއާގެ ޤާނޫނުހަދާ މަޖިލީސްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ބަދަހިކޮށް ސަރަޙައްދުގެ ޕާރލިމަންޓްތަކަށް ދިމާވާ މައްސަލަތަކާމެދު މަޝްވަރާކޮށް ހައްލުހޯދުމުގެ މަޤްޞަދުގައި އުފެދިފައިވާ ޖަމްޢިއްޔާއެކެވެ.

 

14 ޝައްވާލް 1432

12 ސެޕްޓެމްބަރ 2011