ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފޮޓޯފުޅުތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓައި މެންބަރުންގެ މޯބައިލް ނަންބަރުތަކާއެކު އެގޭ ގޮތަށް ޢާއްމު ކުރަމުންގެންދާ މައްސަލައާގުޅިގެން ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީވެސް ރައްޔިތުން ކަމަށްވާއިރު އެ މެންބަރުންގެވެސް ޙައްޤުތަކެއް ވާނެކަމަށް ޤަބޫލުކުރަން ޖެހެއެވެ. އަދި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި ޒާތީ މުއާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަންކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވެއެވެ. އަދި ހަމަ ކޮންމެ މީހަކުމެ އަނެކުންގެ ޒާތީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެކަމުގައިވެސް ބަޔާން ކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަމާލުކަމަށް ކަންކަން ގެންނެވުމުގައި އެކިފަރާތްތަކުން ކުރައްވާ މަސައްކަތްޕުޅުގައި އެކަމެއް ކުރައްވަން ވާނީ މެންބަރުންގެ ގަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން އަދި މެންބަރުންގެ ޒާތީ ދިރިއުޅުއްވުމަށް ދަތިތަކެއް ދިމާނުވާނެ ގޮތެއްގެމަތިން ޒިއްމާދާރު ގޮތެއްގައި ކަމުގައި ދެކެމެވެ. ނަމަވެސް މެންބަރުންގެ ޒާތީ މަޢުލޫމާތުތައް ހާމަކޮށް މެންބަރުންނަށް އުދަގޫ ވާގޮތަށް، މެންބަރުންގެ ފޮޓޯއާއި އަމިއްލަ މަޢުލޫމާތުތައް ހާމަކޮށް މެންބަރުންނަށް ފުރައްސާރަ ކުރެވޭ ބީދައިން އެކަން ކުރުމަކީ އެކަމާމެދު ކަންބޮޑުވާ ކަމެއް ކަމުގައި މިފުރުޞަތުގައި ދަންނަވަމެވެ.

މެންބަރުންގެ އަރިހުން ކަންކަމަށް އެދިވަޑައިގަތުމުގައި ރިވެތި އުސޫލުން އެކަންކަމަށް އެދިވަޑައިގަތުމަކީ ތަހުޒީބު މުޖުތަމަޢުއްގައި ކަންކުރާން ޖެހޭނެ އުސޫލުކަމުގައި ދެކެމެވެ. ނަމަވެސް އޭގެ ބަދަލުގައި މެންބަރުންނަށް ދަތިވާ ގޮތަށް، އެފަދަ ކަންކަން ކުރުމަކީ ޒިއްމާދާރު ކަމާއެކު ކުރެވޭ ކަމެއްކަމުގައި ބަލައިގަނެވެން ނެތްކަމުގައި ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޚާއްޞަ އިމްތިޔާޒްތަކެއް ލިބިވަޑައިގެން ތިއްބެވި ބަޔަކަށް ވާއިރު އެމެންބަރުންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ކުރެވޭ ކޮންމެ ކަމަކީ މެންބަރުންގެ އިމްތިޔާޒަށް އަރައި ގަތުން ކަމުގައި ބެލެވެއެވެ. އެހެންކަމުން މެންބަރުންގެ އަރިހުން ކަންކަމަށް އެދިވަޑައިގަތުމުގައިވެސް ރިވެތި އުސޫލުން މުޢާމަލާތު ކުރުމަށާއި ޢާއްމު އިޖްތިމާޢީ މިންގަޑުތަކާ ޚިލާފްވާ ގޮތަށް ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

 

10 ޝައްވާލް 1432

8 ސެޕްޓެމްބަރ 2011