ނޫސް ބަޔާން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2011 ވަނަ އަހަރުގެ ބަޖެޓަށް 7,052,020 ރުފިޔާ އިތުރުކޮށްދެއްވުމަށް އެދި އޮޑިޓަރ ޖެނެރަލް  ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވި ހުށަހެޅުއްވުން އެކޮމިޓީއިން ޤަބޫލު ކުރައްވާ ، އެފައިސާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް އިތުރު ކޮށްދެއްވުމަށް އެކޮމިޓީގެ މިއަހަރުގެ 40 ވަނަ ބައްދަލުވުމުން ފާސްކުރައްވާ ، އެފައިސާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2011 ވަނަ އަހަރުގެ ބަޖެޓަށް އިތުރު ކޮށްދެއްވުމަށް މާލިއްޔަތު ކޮމިޓީގެ ފަރާތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގަވައިފިއެވެ.

މިގޮތަށް މާލިއްޔަތު ކޮމިޓީއިން ނިންމެވީ، މިފައިސާ އިތުރު ކޮށްދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، އޮޑިޓަރ ޖެނެރަލްއާއި މާލިއްޔަތު ކޮމިޓީގެ މުޤައްރިރާއި ދެމެދު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، މިފައިސާ އިތުރު ކޮށްދިނުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި އޮޑިޓަރ ޖެނެރަލްއާއި ދެމެދު ވެވުނު އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް މިފައިސާ އިތުރު ކުރުމަށް އޮޑިޓަރ ޖެނެރަލް އެދިވަޑައިގެންނެވީ މައިގަނޑު ފަސް ކަމަކަށް އިތުރު ޚަރަދު ކުރެއްވުމަށް ކަމުގައި މާލިއްޔަތު ކޮމިޓީއަށް އަންގަވާ، އެކަންކަމުގެ ތަފްޞީލް  އޮޑިޓަރ ޖެނެރަލް މާލިއްޔަތު ކޮމިޓީއާއި ބައްދަލުކުރައްވައި ޙިއްސާ ކުރެއްވިއެވެ. މިގޮތުން އޮޑިޓަރ ޖެނެެރަލްގެ އޮފީސް  ޕްރޮފެޝަނަލް މުޢައްސަސާއަކަށް ބަދަލުކުރެއްވުމަށްޓަކައި އެއޮފީހުގެ ވަޒީފާގެ އޮނިގަނޑު އިޞްލާޙްކޮށް 22 މުވައްްޒަފަކު މަދުކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރުމަށް 2,173,196 ރުފިޔާއާއި، އޮޑިޓް ކުރުމަށްޓަކައި ކުރަންޖެހޭ ދަތުރުފަތުރު ކުރުމަށް އިތުރުކުރެވުނު 1,411,864 ރުފިޔާއާއި، ކޮންސަލްޓެންސީގެ ޚަރަދުގެ ގޮތުގައި އިތުރުކުރެވުނު 730,020 ރުފިޔާއާއި، އޮފީހުގެ މުވައްޒަފުން ތަމްރީން ކުރުމަށް 749,624 ރުފިޔާއާއި އޮރިޖިނަލް އޮޑިޓް ސޮފްޓްވެއަރ ގަތުމަށް އިތުރުކުރެވުނު 1,387,800 ރުފިޔާ ހިމެނެއެވެ.

މާލިއްޔަތު ކޮމިޓީގެ މިނިންމެވުމަކީ، 2011 ވަނަ އަހަރުގެ ބަޖެޓް ފާސްކުރެވުނުއިރު އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ބޭފުޅަކު ނެތުމާއެކު، އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެވުމުން، އެއޮފީހުގެ ބަޖެޓް މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލެއް ގެނެވިދާނެކަމަށް ކުރިން ނިންމަވާފައިވާ ނިންމެވުމެއް ތަންފީޒު ކުރުމެވެ. އަދި މިނިންމެވުމަކީ އޮޑިޓް ޤާނޫނުގެ ދަށުން އޮޑިޓަރ ޖެނެރަލް އުފުއްލަވަންޖެހޭ މަސްޢޫލިއްޔަތާއި ޒިންމާތައް އަދާކުރެއްވުމަށްޓަކައި އޮޑިޓަރ ޖެނެރަލް އެދިލައްވާ އެންމެހާ ވަސީލަތްތައް ލިބިދިނުމަށް މާލިއްޔަތު ކޮމިޓީއިން އަހައްމިއްޔަތުކަންދޭ މިންވަރާއި އެކަން އެގޮތަށް ކުރުމަށް އޮތް ޢަޒުމް އަންގައިދޭ ނިންމެވުމެކެވެ.

9 ޝައްވާލް 1432

7 ސެޕްޓެމްބަރ 2011