ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނުގޮތް

ރައްޔިތުންގެ މަޖިލީހުގެ 6 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެއެވެ. އިޖްތިމާޢީ ކޮމިޓީ، މާލިއްޔަތު ކޮމިޓީ، ގަވާއިދު ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، ޢާންމު ކޮމިޓީ އަދި ޤައުމީ ސަލާމަތުގެ ކޮމިޓީ އެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:01 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އެވެ. ވަޑައިނުގަންނަވާ މެންބަރަކީ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އާއި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތް، މަޖިލިސް ޗުއްޓީ އަށްފަހު ކުރިއަށް ގެންދާނެ ގޮތާބެހޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވުނީ 12:00 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ.

މިބައްދަލުވުމުގައި، މި ހިނގާ 2011 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓްއަށް 7,052,020 ރުފިޔާ އިތުރުކޮށްދެއްވުމަށް އެދި އެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، އެމް.ބީ.ސީ އިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ބަޖެޓް އާއިގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، ދިވެހިރާއްޖެއިން ބޭރުކުރެވޭ ބޭރުފައިސާއާއިގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފޮނުއްވާފައިވާ ސިޓީއާއިމެދު މަޝްވަރާކުރެއްވިއެވެ. އެންމެ ފަހު ކަމަކަށް ކުރިއަށް ގެންދެވީ، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ގައި ދަނޑުވެރިންނަށް ލިބިދިނުމަށް ކަނޑައަޅުއްވާފައިވާ 50 މިލިއަން ރުފިޔާ ލިބިދެވޭނެ އުޞޫލެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން ނިންމެވި ގޮތުގެ ރިޕޯޓް އާއިމެދު މަޝްވަރާކުރެއްވުމެވެ.

ގަވާއިދު ކޮމިޓIގެ ބައްދަލުވުން ބޭއްވުނީ 11:45 ގައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ،ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤު ހަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އެވެ. ވަޑައިނުގަންނަވާ މެންބަރަކީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.

މިއަދުގެ ބައްދަލުވުމުގައި ގަވާއިދު ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރެއްވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓIގެ ބައްދަލުވުން ބޭއްވުނީ 13:00 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ތުލުސަދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމަ އަލީ އެވެ.

ވަޑައިނުގަންނަވާ މެންބަރަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އެވެ. ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުގެ ސަބަބުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވުނީ ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ކޮމިޝަނެއްކަމުގައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތް ހިގާނުހިގާ ގޮތް ބަލާ އެކޮމިޝަނާއި ސުވާލު ކުރެއްވުމެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:50 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އަދި ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އެވެ.

މިއަދުގެ ބައްދަލުވުމުގައި ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުން، މަޖިލީހުގެ އިދާރާއަށް ހަދިޔާކޮށްފައިވާ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާ ދެއްވުން އެދި އެޑްމިން ސެކްޝަން އިން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި މަޖިލީހުގެ މެންބަރުންގެ ހެލްތް އިންޝުއަރަންސް ކަންތައްތަކާ ގުޅޭ މައްސަލަ ދިރާސާކުރެއްވިއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:05 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އެވެ.

މިބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި. އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭގެ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޙިޔާނާތުގެ މައްސަލަ ތަޙްޤީޤް ކުރުމަށްއެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާވައިފައިވާ ޤަރާރު ދިރާސާކުރެެއްވިއެވެ.

29 ރަމަޟާން 1432

29 އޯގަސްޓް 2011