މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލުު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ފުރިހަމަކުރެއްވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި ގޮތަށް ފާސްކުރައްވާފައެވެ. މިބިލަށް އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައިބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން 40 މެންބަރުން ފެނިވަޑައިގަންނަވާކަމަށް، 30 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވާފައިވެއެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓުދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ގ.އުތުރުގެ / އަލްފާޟިލް އަޙްމަދު ޚަލީލު، ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން، ދެކުނު ކޮރެއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ފެނިވަޑައިގަންނަވާކަމަށް ވަނީ ފާސްކުރައްވާފައެވެ.

އަދި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މ.އެމޭޒަން / ޑޮކްޓަރު ޢާއިޝަތު ޝެހެނާޒް އާދަމް، ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން، ކަޒަކިސްތާން، އުޒްބެކިސްތާން، އަޒަރްބައިޖާން އަދި އުރުދުން އަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް މިއަދުގެ ޖަލްސާގައި ފާސްކުރައްވާފައިވެއެވެ. މީގެއިތުރުން މިސްރު ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސުމަށް ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން މަޝްވަރާދެއްވާފައިވާ ހ.އޭޝަންލޮޖް / އަލްފާޟިލް އާދަމް ޙަސަންގެ ބަދަލުގައި، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، މ.އެމޭޒަން / ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ އިތުރަށް މިސްރު ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން- ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ފެނިވަޑައިގަންނަވާކަމަށްވެސްވަނީ ފާސްކުރައްވާފައެވެ.

މީގެއިތުުރުން މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާންކުރެއްވުމަށްފަހު، އެނަންފުޅުތައް ދިރާސާކުރައްވާ، ގޮތެއް ނިންމެވުމަށްޓަކައި ޤައުމީ ސަލާމަތުގެ ކޮމިޓީއަށްވަނީ ފޮނުއްވާފައެވެ. މިގޮތުން ހުށަހަޅުއްވާފައިވަނީ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މ. ވެސްޓް ސައިޑް/ އަލްފާޟިލް އަޙްމަދު ސަރީރު އެމެރިކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ގ. އުތުރުގެއާގެ/ އަލްފާޟިލް މުޙަންމަދު ޚަލީލް, ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު ޏ. ފުވައްމުލައް، ވިދުވަރުގެ/ އަލްފާޟިލް މުޙަންމަދު އިބްރާހީމް ދީދީ ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، ހ.ތަނޑިރަތްމާގޭ / އަލްފާޟިލް އަމީން ފައިޞަލް އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އަދި  ށ. މާއުނގޫދޫ، ކަރަންކާގެ/ އަލްފާޟިލް އަޙްމަދު ރަޝީދު, ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ހަމަޖެއްސެވުމަށެވެ.

 

މިއަދުގެ ޖަލްސާ ވަގުތު ހަމަވެގެން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2  ގައިވާ ގަވާއިދުތަކުގެ ތެރެއިން އުނިކުރެވޭ ގަވާއިދުތަކާ ގުޅޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވާފައިވާ މައްސަލައަށް ބަހުސްކުރެއްވުމެވެ. މިމައްސަލައިގެ ބަހުސް ކުރިއަށް ގެންދަވަނިކޮށް މިއަދުގެ ޖަލްސާގައިވަނީ މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދުގެ ނަން އިއްވަވާފައެވެ.

29 ރަމަޟާން 1432

29 އޯގަސްޓް 2011