މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ދިރާސާކުރެއްވުމަށްފަހު މުޅިމަޖިލިސް ކޮމިޓީގެ ކުޑަ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާ ރިޔާސަތުން ފެއްޓެވުމަށްފަހު މަޖިލީހުގެ 117 ވަނަ މާއްދާގައި ވާގޮތުގެމަތިން މުޅި މަޖިލިސް އެކުގައި ކޮމިޓީއަށް ދިޔައީ ކަމުގައި އިއުލާނުކުރައްވައި މަޖިލީހުގެ ޖަލްސާ އެހިސާބުން މެދުކަނޑާލެއްވުމަށްފަހު މުޅިމަޖިލީހުގެ ކޮމިޓީގައި ކުރިއަށްގެންދެވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ދިރާސާކުރެއްވުމަށްފަހު މުޅިމަޖިލީހުގެ ކުޑަ ކޮމިޓީން ހުށަހެޅުއްވި ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުއްވުމާއި ބިލަށް މެންބަރުން ހުށަހަޅުއްވާ އިސްލާހުތައް ހުށަހެޅުއްވުމުގެ މަސައްކަތެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލަށް މިއަދު 39 އިސްލާހް ވަނީ ހުށަހެޅިފައެވެ. މިރޭގެ 10:00ގައި ބާއްވާ މުޅިމަޖިލިސް ކޮމިޓީގެ ބައްދަލުވުމުގައި މި އިސްލާހްތަކަށް ވޯޓަށް އެއްސެވުން އޮންނާނެއެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ބިލަށް އިސްލާހުތައް ހުށަހަޅައި ނިމުމުން ދެން މުޅި މަޖިލިސް ބަދަލުވެގެންދިޔައީ އަނެއްކާވެސް މަޖިލީހުގެ ޖަލްސާއަކަށެވެ. އަދި އެހިސާބުން މިއަދުގެ ޖަލްސާވަނީ މަޖިލީހުގެ ރައީސް ނިންމަވާލައްވާފައެވެ. އަދި 29 އޯގަސްޓް 2011 ވާ ހޯމަދުވަހުގެ ހެނދުނު 10:30 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ޖަލްސާ ނިންމަވާލައްވަމުން ރިއާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.

24 ރަމަޟާން 1432

24 އޯގަސްޓް 2011