ބިމުގެ ބިލާއި ރަހުނުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ ބިމުގެ ބިލާއި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ރަހުނުގެ ބިލު ބަލައިގެންފިއެވެ.

މި ދެބިލުވެސް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ. ބިމުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 37 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 34 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

ރަހުނުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 37 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 36 މެންބަރުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ދައުލަތުން ދެމުންގެންދާ ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ.

މިޤަރާރުގެ އިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ދޯހަޅިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި ރައްޔިތުން ހަނާވަމުންދާ މި ދަނޑިވަޅުގައި ފިއުލް ސަރޗާޖްގެ ނަމުގައި ނަގާ އަދަދު އިންތިހާއަށް ބޮޑުވަމުން ދިޔުމުގެ ސަބަބުން ކަރަންޓުގެ އަގު އުފުލި ރައްޔިތުން ހާލުގައި ޖެހިދާނެކަމުގެ ނުރައްކާ ކުރިމަތިވެފައިވާތީ ފިއުލް ސަރޗާޖު ނެގުން ހުއްޓާލާ ރައްޔިތުންނަށް ޚަރަދު ކުޑަ، ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ޤަރާރުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 24 އޯގަސްޓް 2011 ވާ ބުދަދުވަހު ހެނދުނު 10:30 ގައެވެ.

23 ރަމަޟާން 1432

23 އޯގަސްޓް 2011