ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

ސަރުކާރުގެ ފަރާތުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވައިފި އެވެ.

މިބިލުގެ އިތުރުން ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ، ބިމުގެ ބިލުގެ ބަހުސްވެސް ކުރިއަށްގެންދަވާފައިވެއެވެ.

މީގެއިތުރުން ޖަލްސާގެ ނިޒާމް ގެއްލުމުގެ ސަބަބުން ދެ މެންބަރެއްގެ ނަން އިއްވާފައިވެއެވެ. ރިޔާސަތުން ނަން އިއްވެވި ދެ މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އާއި ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ އެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 22 އޯގަސްޓް 2011 ވާ ހޯމަދުވަހު ހެނދުނު 10:30 ގައެވެ.

17 ރަމަޟާން 1432

17 އޯގަސްޓް 2011