ޅ. އަތޮޅު ކުރެންދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ދެމަފިރިއަކު ގޮތްނޭންގޭ ކުއްލި އެކްސިޑެންޓެއްގައި މަރުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަަ ދައުރުގެ 27 ވަނަ ޖަލްސާގައި، ޅ. އަތޮޅު ކުރެންދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ދެމަފިރިއަކު ގޮތްނޭންގޭ ކުއްލި އެކްސިޑެންޓެއްގައި މަރުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިމައްސަލަ ހުށަހަޅައިދެއްވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އެވެ. ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު، މިމައްސަލައަށް މަޖިލީހުގައި ބަހުސްކުރައްވަންފެނޭތޯ ވޯޓަށް އަހައި ފާސްވުމުން، މިމައްސަލައަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވުނު ފުރުސަތުގައި ޖުމްލަ 16 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރައްވައި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިބިލް އިޤްތިޞާދީ ކޮމެޓީއަށް ފޮނުއްވާފައިވެއެވެ. ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެއްސެވުމުން ފެންނަކަމަށް 51 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ނުފެންނަކަމަށް 1 މެންބަރަކު ވޯޓުދެއްވާފައިވާއިރު 5 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލުގެ އިބްތިދާޢީ ބަހުސް 1 ގަޑިއިރު ކުރިއަށް ގެންދެވުމަށްފަހު، ބިމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 15 އޯގަސްޓް 2011 ވާ ހޯމަދުވަހު ހެނދުނު 10:30 ގައެވެ.

10 ރަމަޟާން 1432

10 އޯގަސްޓް 2011