ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނުގޮތް

ރައްޔިތުންގެ މަޖިލީހުގެ 9 ކޮމިޓީއެއްގެ ބައްދަލުވުން އެޖެންޑާކުރެވި 6 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެއެވެ. އެއީ މާލިއްޔަތު ކޮމިޓީ، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ، ޤައުމީ ތަރައްޤީގެ ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، ގަވާއިދު ކޮމިޓީ އަދި ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް ކޮމިޓީ އެވެ.

ބައްދަލުވުމުން ބޭއްވިފައިނުވާ ކޮމިޓީތަކަކީ މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ، އިމްތިޔާޒް ކޮމިޓީ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އެވެ. މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ ބޭއްވިފައިނުވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. އިމްތިޔާޒް ކޮމިޓީ އާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ވަނީ ފަހުގެ ތާރީޚަކަށް ފަސްކުރެވިފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:45 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ. މީގެއިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދުގެ ބަދަލުގައި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ބައިވެރިވެވަޑައިގެންފައިނުވާ މެންބަރަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އެވެ. މިބައްދަލުވުމުގައި، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން އެމް.ބީ.ސީ އަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި އެމް.ބީ.ސީ އިން އެ ކޯޕަރޭޝަނަށް މިވަގުތަށް ބޭނުންވާ 3 މަސްދުވަހުގެ ބަޖެޓް ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުމުންވެސް، އެ ބަޖެޓް އެ ކޯޕަރޭޝަންއަށް ދޫކޮށްފައިނުވާތީ، މިމައްސަލައާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އިނާޒް އާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:45 ގައެވެ. މިބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގަތެވެ. ވަޑައިގެންނެވި މެންބަރުންނަކީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަަލީ ސަލީމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރައްވާފައިވެއެވެ.

ޤައުމީ ތަރައްޤީގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:45 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދު، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. މިބައްދަލުވުމުގައި ފުރަތަމަ މަޝްވަރާކުރެވުނީ ކޮމިޓީގައި ހުރި ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން ގޮތެއް ނިންމެވުމާ ގުޅޭގޮތުންނެވެ. މިގޮތުން ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އަޤްލަބިއްޔަތުން ނިންމެވީ ކޮމިޓީގައިވާ ބިލުތަކާއި އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަށް އިތުރަށް ދިރާސާކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށެވެ. ދެން ކުރިއަށް ގެންދެވީ ކޮމިޓީގެ ގަވާއިދާ ދޭތެރޭ ގޮތެއް ނިންމެވުމުގެ މަސައްކަތެވެ. މިގޮތުން ކޮމިޓީގެ ހިންގާ ޤަވާއިދަކީ ކުރިން ވެސް އަމަލު ކުރައްވަމުން ގެންދެވި ގަވާއިދު ކަމުގައި ކޮމިޓީގެ އަޢުލަބިއްޔަތުން ނިންމެވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:45 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ތައްޔާރު ކުރައްވައި ކޮމިޓީއަށް ހުށަހެޅުއްވި ކޮމިޓީގެ މަސައްކަތް ހަރުދަނާކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވުނު ކަރުދާސް ބެއްލެވިއެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:45 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤު ހަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު މެންބަރުން މަޝްވަރާކުރެއްވިއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:00 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ ޢާދަމް އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރަކީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް އެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލުގެ މަސައްކަތް ނިންމެވުމުގެ ކުރިން ބޭރު ޤައުމުތަކުގެ ޖަލުތައް ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްޓަކައި އެކޮމިޓީގައި ކުރީގައި ތިއްބެވި މެންބަރުން، ބޭރު ޤައުމުތަކުގެ ޖަލުތަކުގެ ތެރެއިން ޒިިޔާރާތްކޮށްފައިވާ ޖަލުތަކުގެ އިތުރުން އޮސްޓްރޭލިއާގެ ޖަލަށް ޒިޔާރާތްކުރުމަކީ ރަނގަޅުކަމެއްކަމަށް ފެންނާތީ، ހާޒިރުވެވަޑައިގެންނެވި 4 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ނިންމަވައި މިމައްސަލަ މައި ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ. އަދި ރާއްޖޭގެ ޖަލުތަކަށް ޒިޔާރާތްކުރުމަށް ނިންމަވާފައިވާތީ، ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި 4 މެންބަރުންގެ އިއްތިފާޤުން ނިންމެވީ 15 އޯގަސްޓް ވާ ހޯމަ ދުވަހު ހިންމަފުށި ޖަލަށް ޒިޔާރާތްކުރުމަށާއި، 17 އޯގަސްޓް ވާ ބުދަ ދުވަހު މާފުށީ ޖަލަށް ޒިޔާރާތްކުރުމަށާއި، 22 އޯގަސްޓް ވާ ހޯމަ ދުވަހު މާލެ ޖަލަށް ޒިޔާރާތްކޮށް އެޖަލުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމަށެވެ.

10 ރަމަޟާން 1432

10 އޯގަސްޓް 2011