ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ފެޑަރަލް ނޭޝަނަލް ކައުންސިލްގެ ރައީސްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފިި

މޭމަހުގެ 8 ން 13 އަށް ސްވާޒިލޭންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީ.ޕީ.އޭ މިޑް އިޔަރ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާއަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގައި މިއަދު 5 މެއި 2010 ގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ފެޑަރަލް ނޭޝަނަލް ކައުންސިލްގެ ރައީސް ޢަބްދުލް ޢަޒީޒް ޢަބްދުﷲ އަލް ޣުރައިރު އާއި ޑުބާއީގައި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ޤާނޫނުހަދާމަޖިލީހުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން އާޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މިހާރު އައިސްފައިވާ ބަދަލުތަކާއި ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަންކަމާބެހޭ މަޢުލޫމާތު ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ފެޑަރަލް ނޭޝަނަލް ކައުންސިލްގެ ރައީސަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ދެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި އަދި ވަކިން ޚާއްޞަކޮށް ޑުބާއީއަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ތަފާތު އެކި ކަންކަމުގައި ދަތުރުކޮށްއުޅޭ ރަށެއް ކަމުގައިވެސް ވިދާޅުވިއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ފެޑަރަލް ނޭޝަނަލް ކައުންސިލްގެ ރައީސް ޢަބްދުލް ޢަޒީޒް ޢަބްދުﷲ އަލް ޣުރައިރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެއަށް ވަރަށް ގިނައިން ޒިޔާރަތް ކުރައްވާފައިވާކަމަށާއި ރާއްޖެއަކީ ވަރަށް ރީތި ޤުދްރަތީ މަންޒަރުތަކުން ފުރިފައިވާ ތަނެއް ކަމުގައި ވިދާޅުވިއެވެ. އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ފެޑަރަލް ނޭޝަނަލް ކައުންސިލްގެ މަސައްކަތްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަޢުލޫމާތު ދެއްވިއެވެ.