ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައެއް މަޖިލީހުން ބަލައިގަނެ ބަހުސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަ މަޖިލީހުން ބަލައިގަނެ ބަހުސްކުރައްވައިފިއެެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ޤަވާއިދުގެ 149 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގެ ދަށުން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަކީ މިހިނގާ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުގެރޭ ދަންވަރު 3 ޖެހި އިރުން ފެށިގެން ތ. އަތޮޅު ދިޔަމިގިލީގައި ކަރަންޓް ނެތުމުގެ ސަބަބުން ރަށުގެ އާބާދީއަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ، ސަރުކާރު ޒިންމާދާރު ކުރުމަށް ގޮވާލައި ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މީގެ އިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ދައުލަތުން ދެމުންގެންދާ ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތައް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ 13 ޖުލައި 2011 ގައި ބޭއްވުނު، މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދެވިއެވެ.

މިއަދުގެ ޖަލްސާގެ ނުނިމިހުރި މަސައްކަތުގެ ތެރެއިން ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުޅަހަޅުއްވާފައިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލުގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޢަފޫރު މޫސާ ހުށަހަޅުއްވާފައިވާ، ބިމުގެ ބިލުގެ ބަހުސް ވެސް ކުރިއަށްގެންދެވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 10 އޯގަސްޓް 2011 ވާ ބުދަދުވަހު ހެނދުނު 10:30 ގައެވެ.