ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލައެއް މަޖިލީހުން ބަލައިގަނެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލައެއް މަޖިލީހުން ބަލައިގަނެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވައިފިއެެވެ. ރާއްޖޭގެ ސަރަހައްދުން އަރަބި ކަނޑަށް ހުރަސްކުރުމުގެ ހުއްދަ ސްރީލައްކާގެ އުޅަނދުތަކަށް ދިނުމަށް ރާއްޖެއާއި ލަންކާއާއި ދެމެދު ސޮއިކޮށްފި ކަމަށް ދެޤައުމުގެ ސަރުކާރުން ހާމަކޮށްފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ހުށަހަޅުއްވާފައިވާ މި ކުއްލި މައްސަލައަށް ބަހުސްކުރެއްވުމަށް ނިންމެވީ 33 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން ސުރުޙީ އިއްވުނު ދެ ބިލަކީ، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު ހުށަހަޅުއްވާފައިވާ، މެޑިކަލް ޑިވައިސަސްއާއިބެހޭ ބިލާއި ސަރުކާރުގެ ފަރާތުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، އާބިޓްރޭޝަނުގެ ބިލެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ރަހުނުގެ ބިލުގެ އިބްތިދާއީ ބަހުސްކުރިއަށް ގެންދެވިއެވެ.

ޖަލްސާގެ ކޯރަމް ގެއްލުމުގެ ސަބަބުން މިއަދުގެ ޖަލްސާ ވަނީ 14:38 ގައި ރިޔާސަތުން ނިންމަވާލައްވާފައެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 9 އޯގަސްޓް 2011 ވާ އަންގާރަދުވަހު ހެނދުނު 10:30 ގައެވެ.

 

8 ރަމަޟާން 1432

8 އޯގަސްޓް 2011