އިސްތަންބޫލް އާއި ތެހެރާންގައި ބޭއްވޭ މުހިންމު 2 ކޮންފަރެންސްގައި މަޖިލީހުގެ ވަފުދެއް ބައިވެރިވެވަޑައިގަތުމަށް މިއަދު ފުރާވަޑައިގެންފި

ޖެރޫސަލަމުގައި ޔަހޫދީން އާބާދުކުރުން ހުއްޓުވުމަށް ޕާރލިމަންޓްރީ ޔުނިއަން އޮފް އިސްލާމިކް ކަންޓްރީސް ނުވަތަ އިސްލާމީ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ތުރުކީގެ އިސްތަންބޫލްގައި މާދަމާ ފެށޭ މުހިންމު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށާއި އީރާނުގެ ވެރިރަށް ތެހެރާންގައި މިމެއިމަހުގެ 14 ން 16 ށް ބޭއްވޭ އޭޝިއާ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ އޭޝިއަން ޕާރލިމަންޓްރީ އެސެމްބްލީގެ (އޭ.ޕީ.އޭ) ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް މިއަދު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނާޒިމާއި، އިސްދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ރަޝީދު އިބްރާހީމްއެވެ.

ތެހެރާނުގައި ބޭއްވޭ އޭ.ޕީ.އޭގެ ސިޔާސަތު ރާވާ ކޮމިޓީކަމުގައިވާ ސްޓޭންޑިންގ ކޮމިޓީ އޮން ޕޮލިޓިކަލް އެފެއަރޒްގެ ބައްދަލުވުމުގައި މެންބަރު ޤައުމުތަކުގައި އެކުވެރިކަން ބަދަހިކޮށް ތަރައްޤީގެ ކަންކަމުގައި ޤާނޫނުހަދާމަޖިލިސް ތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާބެހޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މެންބަރުންގެ މެދުގައި ކޮމްޕިއުޓަރުގެ ވިއުގައަކުން ގުޅާލެވޭ އޭޝިއަން ވާރޗުއަލް ޕާރލިމަންޓެއް ގާއިމުކުރުމަށް މަޝްވަރާކުރުމަށްވެސް ވަނީ މިބައްދަލުވުމުގައި އެޖެންޑާކުރެވިފައެވެ. މިގޮތުން މިކަންކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފޭނެގޮތް އިތުރުކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާބެހޭގޮތުން ތެހެރާނުގައި ބޭއްވޭ މިބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.