ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ނިންމަވައިފި

ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތަށް، މިއަދުގެ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމާއި، އެ މުއްދަތުގެ ތެރޭގައި ހަދަންޖެހޭ ޤާނޫނުތަކުގެ ބިލުތައް ތައްޔާރުވެ، ޤާނޫނަށް ބަދަލުވާ މިންވަރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ދުރާލާބަލައި، މަޖިލީހަށް އަންގަމުން ދިއުން ޝަރުތުކޮށް އެމުއްދަތު އިތުރުކޮށްދިނުމަށް އެދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މި ހުށަހެޅުން ފާސްވީ 37 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. މި ހުށަހެޅުމުގެ އިތުރުން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ބިމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލުގެ ބަހުސްވެސް ކުރިއަށްގެންދަވާފައިވެއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 08 އޯގަސްޓް 2011 ވާ ހޯމަދުވަހު ހެނދުނު 10:30 ގައެވެ.

03 ރަމަޟާން 1432

03 އޯގަސްޓް 2011