ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ ދާއިމީ ކޮމިޓީ ތަކުގެ މުޤައްރިރުންނާއި، ނައިބު މުޤައްރިރުންނާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ ދާއިމީ ކޮމިޓީ ތަކުގެ މުޤައްރިރުންނާއި، މުޤައްރިރުންގެ ނައިބުންނާއި މިރޭ މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވައިފިއެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށްފަހު ކޮމިޓީތަކަށް މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮއްވަވާފައިވަނީ މިއަދު މަޖިލީހުގައި ކޮމިޓީތަކުން ބޭއްވި ބައްދަލުވުންތަކުގައެވެ.

މަޖިލީހުގެ ރައީސް ކޮމިޓީތަކުގެ މުޤައްރިރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޮމިޓީތަކުގައި ހުރި މަސައްކަތްތައް ހަލުވިކަމާއެކު ކުރެއްވޭނެ އިންތިޒާމް ރާއްވަވައި ދެއްވުމަށާއި މަސައްކަތްތައް ހަލުވިކަމާއެކު ނިންމެވުމަށް ބާރު އަޅުއްވައިދެއްވުމަށް ކޮމިޓީތަކުގެ މުޤައްރިރުންނާއި، ނައިބު މުޤައްރިރުންގެ އަރިހުން އެދިވަޑައިގަތެވެ. މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އެބޭފުޅުންގެ އަރިހުން މިގޮތަށް އެދިވަޑައިގެންނެވި ސަބަބަކީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮމިޓީގެ ބައްދަލުވުންތައް ބާއްވައި ކޮމިޓީން ކުރުމަށް ހަވާލުކުރެވޭ މަސައްކަތް އިސްވެ ކުރުމާއި ކޮމިޓީގެ މަސައްކަތުގެ މިސްރާބު ކަނޑައެޅުމާއި އެމިސްރާބު ހިފެހެއްޓުމާއި ވަގުތު ބޭކާރު ވެގެން ނުދާނެ ގޮތަށް އަދި ކޮމިޓީއަށް ހަވާލު ކުރެވޭ މަސައްކަތުގައި ދުވަސްތައް ބޭކާރުވެގެން ނުގޮސް މަސައްކަތް ނިމެމުންދާނެ ގޮތަށް މަސައްކަތް ކުރުމާއި ކޮމިޓީގެ ރިއާސަތު ބެލެހެއްޓުމާއި ކޮމިޓީ ތަމްސީލް ކުރަންޖެހޭ މަޤާމުތަކުގައި ކޮމިޓީ ތަމްސީލް ކުރުމާއި ކޮމިޓީގެ ފަރާތުން މީޑިއާއަށް ހާމަ ކުރަންޖެހޭ ކަންކަން ހާމަކުރުމާއި މިކަންކަމަކީ ކޮމިޓީގެ މުޤައްރިރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ވާތީ އެވެ.

މިރޭގެ ބައްދަލުވުމުގައި ކޮމިޓީތަކުގައި މިހާރު ހުރި މަސައްކަތްތަކުގެ ތަފްސީލް ކޮމިޓީތަކުގެ މުޤައްރިރުންނަށް މަޖިލީހުގެ ރައީސް ދެއްވިއެވެ. އެގޮތުން ކޮންމެ ކޮމިޓީއެއްގައި ހުރި މައްސަލަތަކުގެ ވަކިވަކި ލިސްޓް ކޮންމެ ކޮމިޓީއެއްގެ މުޤައްރިރާއި ޙަވާލު ކުރެއްވިއެވެ.

މިބައްދަލުވުމުގައި ކޮމިޓީތަކުގެ މުޤައްރިރުން ދެއްކެވި ވާހަކަފުޅުގައި ކޮމިޓީތަކުގެ މަސައްކަތްކުރުމުގައި މިހާރަށްވުރެ ބޮޑަށް ކޮމިޓީތަކަށް ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި ކޮމިޓީތަކުގެ މަސައްކަތް ހަލުވިކޮށް ގެންދިއުމަށްޓަކައި މަޖިލީހުގެ ގަވައިދަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށްވެސް ކޮމިޓީތަކުގެ މުޤައްރިރުން ފާހަގަކުރެއްވިއެވެ.

 

02 ރަމަޟާން 1432

02 އޯގަސްޓް 2011