މާތްﷲއަށް ޙަމްދުކޮށް ޡަނާ ދަންނަވަމެވެ. އެކަލާނގެ ނަބިއްޔާ محمد صلى الله عليه وسلمއަށް ޞަލަވާތާއި ސަލާމުގެ މުތީ ތަކުން ވެދުންކުރަމެވެ. އަދި މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެ ފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލް ކުރަމެވެ.
މާތްﷲގެ ހެޔޮރަހުމަތްފުޅުން، ބަރަކާތާއި ޡަވާބުން ފުރިގެންވާ ބަރަކާތްތެރި ރަމަޟާންމަސް އަނެއްކާވެސް އަޅުގަނޑުމެންނަށް މިވަނީ މަރުޚަބާ ކިޔާފައެވެ. މިމަހަކީ ﷲގެ ރަޙްމަތާއި ފާފަފުއްސެވުމާއި ނަރަކައިން މުއްތި ކުރެއްވުން އެމަހުގެ ތެރޭގައި ﷲ ލައްވާފައިވާ މަތިވެރިވެގެންވާ މާތް މައްސަރެވެ.
މިބަރަކާތްތެރި މައްސަރު ދިވެހި އުއްމަތާއި ކުރިމަތިލި މިއުފާވެރި ދަނޑިވަޅު ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާއާއި މުބާރިކުބާދީ އާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ.
އަޅުގަނޑުގެ ދުޢާއަކީ މިބަރަކާތްތެރި މައްސަރުގެ ހެޔޮވެގެންވާ ދަރުމައާއި ޡަވާބު އަޅުގަނޑުމެން އެންމެނަށް މާތްﷲ މިންވަރު ކޮށްދެއްވުމެވެ. އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާޙު ކުރުމަށް މިމަތިވެރި މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތަވްފީޤް އެކަލާނގެ ދެއްވުމެވެ. މިގައުމުގެ ރައްޔިތުންނަކީ އުފާފާގަތިކަމާއި ތަނަވަސް ކަމުގައި ދިރިއުޅޭ ރައްޔިތެއްކަމުގައި ލެއްވުމެވެެ. މިގައުމަށް އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން އަބަދުމެ މިންވަރު ކުރެއްވުމެވެ. އާމީން.
والحمد لله رب العالمين
ޢަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް