ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ. މި ބައްދަލުވުމުގައި ފުރަތަމަކަމަކަށް ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ކޮމިޓީގެ މުޤައްރިރުކަމަށް ހަމައެކަނި ހުށަހެޅި ތާއީދުލިބުނު ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ފާސްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދުގެ ނަންފުޅެވެ.

އެއަށްފަހު ކޮމިޓީގެ މުޤައްރިރުގެ ނައިބަކު ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން ހުށަހެޅި ތާޢީދުލިބުނު ހަމައެކަނި ނަންފުޅުކަމުގައިވާ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ގެ ނަންފުޅުވަނީ ކޮމިޓީގެ އިއްތިފާގުން ފާސްކުރައްވާފައެވެ.

މީގެއިތުރުން، މިބައްދަލުވުމުގައި ޤާނޫނު ނަމްބަރު 2008/6 (އާއްމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކަށް އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްދެއްވާފައިވާ މުއްދަތު، މިއަހަރުގެ އޯގަސްޓް މަހުގެ 5ވަނަ ދުވަހަށް ހަމަވާތީ، ކަމާބެހޭ ގާނޫނުތައް ވުޖޫދަށް އަންނަންދެން މި ޖަދުވަލުތަކުގައިވާ ގަވާއިދުތަކަށް ގާނޫނީ ބާރު ލިބިދޭންޖެހޭކަމަށް ފެނިވަޑައިގަންނަވާތީ، އެޤާނޫނުގެ މުއްދަތު، އަދި އިތުރު 1 އަހަރުދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމެވުމަށް މަޖިލީހަށް ފޮނުވުމަށް ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވައި ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

މިކޮމެޓީގެ ބައްދަލުވުމުގައި މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ 11 މެންބަރުންގެ ތެރެއިން 8 މެންބަރުން ހާޒިރުވެވަޑައިގެންނެވިއެވެ. އެއީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤު ހަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް، ނައިފަރު ދާއިރާގެ މެންބަރު  އަޙްމަދު މުޙައްމަދު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.

30 ޝަޢުބާން 1432

31 ޖުލައި 2011