ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަންގެ 57 ވަނަ އަހަރީ ޖަލްސާގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ފެށި ސީ.ޕީ.އޭ ގެ 57 ވަނަ ކޮމަންވެލްތް ޕާލިމެންޓްރީ ކޮންފަރެންސްގެ ރަސްމީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ މި ބައްދަލުވުމުގައި އެމަނިކުފާނުގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މުސާ މަނިކު އާއި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުޞޫމް އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ސީ.ޕީ.އޭ ގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގާތްގަނޑަކަށް ކޮމަންވެލްތްގެ ޤާނޫނުހަދާ މަޖިލީސްތަކުގެ 700 އެއްހާ މެންބަރުންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ. ސީ.ޕީ.އޭ އަކީ ކޮމަންވެލްތްގެ އެންމެ ދުވަސްވީ ޖަމާއަތެވެ.

މީގެއިތުރުން މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ފަރާތުން ވަޑައިގެންނެވި ވަފްދު އިއްޔެ ވަނީ ސީ.ޕީ.އޭ ގެ 57 ވަނަ ކޮމަންވެލްތް ޕާލިމެންޓްރީ ކޮންފަރެންސްގެ ކުރިން ބޭއްވުނު ކޮމަންވެލްތް ސްމޯލް ބްރާންޗަސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައެވެ.

ސީ.ޕީ.އޭ އުފެދިފައިވަނީ ކޮމަންވެލްތް އަށް ނިސްބަތްވާ 54 ޤައުމުގެ ތެރެއިން 53 ޤައުމެއްގެ ޤާނޫނުހަދާ މަޖިލީހުގެ މައްޗަށެވެ. މިޖަމާއަތަށް 16،000 އަށް ވުރެ ގިނަ މެންބަރުން ނިސްބަތްވެއެވެ.

24 ޝަޢުބާން 1432
25 ޖުލައި 2011