ކޮމަންވެލްތް ސްމޯލް ބްރާންޗަސް ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފި

އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ފެށިގެން ކުރިއަށްދާ ކޮމަންވެލްތް ސްމޯލް ބްރާންޗަސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ހައުސް އޮފް ކޮމްންސްގެ ރައީސް ރައިޓް އޮނަރަބަލް ޖޯން ބަރކައު ހުޅުވައިދެއްވި މި ކޮންފަރެންސްގައި އެމަނިކުފާނުގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު އާއި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރެންސްގެތެރެއިން މަޖިލީހުގެ ރައީސް މިއަދު ވަނީ ސީ.ޕީ.އޭ ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ވިލިއަމް އެފް. ޝީޖާ އާއި ޕާކިސްތާނުގެ ސެނެޓްގެ ރައީސް ފާރޫޤް ނައެކް އާ ބައްދަލުކުރައްވާފައެވެ. އަދި ކޮންފަރެންސްގެ މިއަދުގެ މެންދުރުފަހުގެ ދަންފަޅީގައި ދިވެހިރާއްޖޭގެ ވަފްދުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުޞޫމް ޕެރެޒެންޓޭޝަނެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

23 ޝަޢުބާން 1432

24 ޖުލައި 2011