ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަންގެ 100 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް މާދަމާ ފުރާވަޑައިގަންނަވަނީ

ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ 100 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މާދަމާ ފުރާވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މުސާ މަނިކު އާއި ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސީ.ޕީ.އޭ ގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގާތްގަނޑަކަށް ކޮމަންވެލްތްގެ ޤާނޫނުހަދާ މަޖިލީހުގެ 700 އެއްހާ މެންބަރުންނާއި އޮފިޝަލުން ލަންޑަންގައި ބައްދަލުކުރައްވާނެއެވެ. ސީ.ޕީ.އޭ އަކީ ކޮމަންވެލްތްގެ އެންމެ ދުވަސްވީ ޖަމާއަތެވެ.

ސީ.ޕީ.އޭ އިން 100 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ސީ.ޕީ.އޭ ގެ 57 ވަނަ ކޮމަންވެލްތް ޕާލިމެންޓްރީ ކޮންފަރެންސް ޖުލައި 21 އިން 28 އަށް ކުރިއަށްދާނެއެވެ. މިކޮންފަރެންސް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ވެސްޓް މިންސްޓަރ ހޯލްގައި ހާރ ރޯޔަލް ހައިނަސް ދަ ޕްރިންސަސް ރޯޔަލް އެވެ.

މިއަހަރުގެ ކޮންފަރެންސްގައި ކޮމަންވެލްތް އަށް ނިސްބަތްވާ 170 ޤައުމަކާއި ސަރަހައްދެއްގެ ޤާނޫނުހަދާ މަޖިލީސްތަކުގެ މަންދޫބުން ބައިވެރިވާނެއެވެ. މި ކޮންފަރެންސްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ “ޑިމޮކްރަސީ ހަރުދަނާކުރުން” މިޝިޢާރުގެ ދަށުން މުހިންމު މައުޟޫތަކަށެވެ. މިގޮތުން މަޝްވަރާކުރެވޭނެ މައުޟޫތަކުގެ ތެރޭގައި މޫސުމީ ބަދަލު، ފުޑް އެންޑް ވޯޓަރ ސެކިއުރިޓީ އެންޑް ޓްރޭޑް ފަދަ 21 ވަނަ ޤަރުނުގައި ކޮމަންވެލްތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް މިފަދަ މައުޟޫޢުތައް ފާހަގަކުރެވެއެވެ.

މީގެއިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ކުރިމަތިވެވަޑައިގަންނަވާ މައްސަލަތަކާ ގުޅޭގޮތުން ސީ.ޕީ.އޭ ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ވިލިއަމް އެފް. ޝީޖާ އާއި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް އިޒްއެކްސެލެންސީ ކަމަލޭޝް ޝަރްމާ ވާހަކަދެއްކެވުމަށް ހަމަޖެހިފައިވެއެވެ.

ސީ.ޕީ.އޭ އުފެދިފައިވަނީ ކޮމަންވެލްތް އަށް ނިސްބަތްވާ 54 ޤައުމުގެ ތެރެއިން 53 ޤާނޫނުހަދާ މަޖިލީހެއްގެ މައްޗަށެވެ. މިޖަމާއަތަށް 16،000 އަށް ވުރެ ގިނަ މެންބަރުން ނިސްބަތްވެއެވެ. ކޮމަންވެލްތް ޤައުމުތަކުގެ ތެރެއިން ސީ.ޕީ.އޭ އަށް ނިސްބަތްނުވާ ހަމައެކަނި ޤައުމަކީ ބުރުނާއީ އެވެ.

20 ޝަޢުބާން 1432

21 ޖުލައި 2011