ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލުު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލުު މަޖިލީހުން ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ނިންމަވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ނިންމެވުމުން މި ބިލު ވަނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތީން ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުއްވާފަ އެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 44 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓް ދެއްވާފައިވާއިރު 5 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ބިލުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން، ކޮމިޓީތަކަށް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފަށާތަޢުލީމުގެ މަރުޙަލާގައްޔާއި ސާނަވީ ތަޢުލީމުގެ މަރުޙަލާގައި ކީރިތި ޤުރުއާން އެއީ މަޖްބޫރު މާއްދާއެއްކަމަށް ޤައުމީ މަންހަޖުގައި ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް، ރައްޔިތުންގެ މަޖިލީހަށް ފެންނަކަމަށް ކަނޑައަޅައި ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާ ލެއްވެއިރު ކުރިއަށް ގެންގޮސްފައިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުސްޠަފާ ހުށަހަޅުއްވާފައިވާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިގެން ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށެޅުއްވި ޤަރާރުގެ ބަހުސްއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 21 ޖުލައި 2011 ވާ ބުރާސްފަތިދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

19 ޝަޢުބާން 1432

20 ޖުލައި 2011