މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި އަދި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ޓެކްސް ނެގުމުގެ 3 ބިލާއި ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅިފައިވާ ބިލުތަކެއްކަމުގައިވާތީ މިބިލުތައްވަނީ މަޖިލީހުގެ 117 ވަނަ މާއްދާގެ ދަށުން މުޅިމަޖިލިސް ކޮމެޓީއަށް ދިޔަކަމުގައި ރިޔާސަތުން ނިންމަވާފައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ދައުލަތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ޞިއްޙީ ޚިދުމަތުގެ ސިޔާސަތު ކަނޑައެޅުމުގެ ބިލު މަޖިލީހުން ބަލައިގަނެ މަޖިލީހުގެ ގަވާއިދުގެ ދަށުން އިޖްތިމާޢީ ކޮމިޓީއަށް ފޮނުވުނީކަމަށް ރިޔާސަތުންވަނީ ނިންމަވާފައެވެ.
މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުސްތަފާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެއްސެވުމުން، 69 މެންބަރުންގެ ތެރެއިން ފެންނަކަމަށް 32 މެންބަރުން އަދި ނުފެންނަކަމަށް 37 މެންބަރަކު ވޯޓުދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 2 މެންބަރުން ތިއްބެވިއެވެ. އެހެންކަމުން މިބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވިއެވެ.
މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވިއިރު ކުރިއަށް ގެންގޮސްފައިވަނީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 19 ޖުލައި 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.
10 ޝަޢުބާން 1432
11 ޖުލައި 2011