އ.ދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން އިންޓަރނަލީ ޑިސްޕްލޭސްޑް ޕަރސަންސް އާ މަޖިލީހުގެ ބައެއް މެންބަރުން ބައްދަލުކުރައްވައިފި

އ.ދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންޑޭޓް ހޯލްޑާރސްގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސްޕެޝަލް ރެޕަޓުއަރ އޮން އިންޓަރނަލީ ޑިސްޕްލޭސްޑް ޕަރސަންސް ޑރ. ޗަލޯކާ ބެޔާނީ އާ ރައްޔިތުންގެ މަޖިލީހުގެ އެކި ޕާޓީތައް ތަމްސީލުވާގޮތަށް ބައެއް މެންބަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީސްކުރާގޭގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ތެރެއިން ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު އެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. ޗަލޯކާ ބެޔާނީ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ގުދުރަތީ ކާރިސާތަކާ، މިފަދަ ކާރިސާ ތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މައުލޫމާތު މެންބަރުންގެ އަރިހުން އޮޅުންފިލުވާފަ އެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ހައިޞިއްޔަތުން، ޤާނޫނީ ގޮތުން މިފަދަ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އެބޭފުޅާ ވާހަކަ ދެއްކެވި އެވެ.