ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލުގެ ބަހުސް މަރުޙަލާ ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގެ މަރުޙަލާ ކުރިއަށް ގެންދަވައިފިއެވެ. މިދެބިލަކީވެސް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ދެބިލެވެ. އެގޮތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅުއްވައިދެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު ހުށަހަޅައިދެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.

މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދެވުމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް 21 ޖޫން 2011 ވީ އަންގާރަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަޢްޔަނުކުރައްވާފައިވާ ނަންފުޅު މަޖިލީހަށް އިއްވައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ނިންމަވާފައިވެއެވެ.

މީގެ އިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ދައުލަތުން ދެމުންގެންދާ ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތައް ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު މަޖިލީހަށް ތަޢާރަފު ކުރެވިފައިވެއެވެ.

މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ، ބިމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ރަހުނުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ހުށަހަޅުއްވާފައިވާ، ޕާޓްނަރޝިޕްގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އުވާލުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ. މިބިލުތަކަކީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުތަކެކެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން 4 މެންބަރެއްގެ ނަން އިއްވެވިއެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކް އެވެ.

މި 4 މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް މަޖިލިސްކުރާ މާލަމުން ނިކުމެވަޑައިނުގަތުމުން އެ 3 މެންބަރުން މާލަމުން ނެރުނީ އެމް.އެން.ޑީ.އެފްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ބޭފުޅުން މާލަމަށް ވެދެވަޑައިގެން އެ 3 ބޭފުޅުން ނަގައިގަނެގެންނެވެ.

12 ޝަޢުބާން 1432

13 ޖުލައި 2011