ނަން އިއްވި މެންބަރަކު ޖަލްސާ ދޫކުރައްވައި ނުނިކުންނެވުމުން ޖަލްސާ ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ރިޔާސަތުން ނަން އިއްވާފައިވާ ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަލީ އާރިފް މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ޖަލްސާ ދޫކުރައްވައި ނިކުމެވަޑައި ނުގަތުމުން މިއަދުގެ ޖަލްސާ ރިއާސަތުން ނިންމަވާލައްވައިފިއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަލީ އާރިފް ގެ ނަން އިއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް 21 ޖޫން 2011 ވީ އަންގާރަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަޢްޔަނުކުރައްވާފައިވާ ނަންފުޅު މަޖިލީހަށް އިއްވައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ހުށަހެޅުއްވުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

ޖަލްސާ ނިންމަވާ ލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 12 ޖުލައި 2011 ވާ އަންގާރަ ދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ކަމަށްވެސް ރިއާސަތުން އިޢުލާންކުރެއްވިއެވެ.