ރައްޔިތުންގެ މަޖިލިހުގެ މިދައުުރުގެ 15 ވަނަ ޖަލްސާ ކުރިއަށް ނުގެންދެވިގެން ޖަލްސާ ނިންމަވާލައްވައިފި

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސްކުރައްވަންފެނޭތޯ ވޯޓަކަށް އެއްސެވުމާހަމައަށް ގޮސްފައިވަނިކޮށް މަޖިލިހުގެ މިދައުުރުގެ 15 ވަނަ ޖަލްސާ ކުރިއަށް ނުގެންދެވިގެން 9:12 ގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ނުރައްކާތެރި ޑެންގީހުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދިއުމުން ދިމާވާ މައްސަލަތަށް އަވަސްކަމާއެކު ހައްލުކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިލަންވެރިކަމުން މިންޖުކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ސަރުކާރަށާއި ކަމާބެހޭ އެންމެހޭ ފަރާތްތަކަށް އިލްތިމާސްކޮށް މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ގަވައިދުގެ 149 ވަނަ މާއްދާގެ ހ، ށ، ނ، އަދި ރ ގެ ދަށުންނެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 11 ޖުލައި 2011 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.