ކޮމަންވެލްތް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންގެ 20 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮނިހިރުދުވަހު މާލެވަޑައިގަންނަވައިފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުނު ކޮމަންވެލްތް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންގެ 20 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ހޮނިހިރުދުވަހު މާލެވަޑައިގެންފިއެވެ.

މިކޮންފަރެންސްގައި ވަކިވަކި ވާރކްޝޮޕްތަކަކަށް ބަހާލެވިގެން މަޝްވަރާކުރެވުނު މައުޟޫއުތަކުގެ ތެރޭގައި ޕާރލިމަންޓްތަކުގެ ރައީސުން ކަންކަން ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު ކުޅުއްވުމާއި އަދި ޕާރލިމަންޓުތަކުގެ އިދާރީ ހިންގުމުގައި ރައީސުންގެ ދައުރަކީ ކޮބައިކަމާމެދު މަޝްވަރާކުރުން ހިމެނުނެވެ.

މީގެއިތުރުން ޕާރލިމަންޓްތަކުގެ މަސައްކަތް ހަރުދަނާކޮށް ޑިމޮކްރެޓިކް އުޞޫލުތަކުން ހިންގުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެ އެންމެ އެދެވޭގޮތްތަކުގެ މައްޗަށްވެސް މިކޮންފަރެންސްގައި މަޝްވަރާކުރެވުނެވެ.

އިންޑިޔާ ޕާރލިމަންޓުގައި 2010 ޖެނުއަރީ 4 ން 8 އަށް ބޭއްވުނު މިކޮންފަރެންސްގައި ކޮމަންވެލްތްގެ 42 ޤާނޫނުހަދާ މަޖިލިސްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މަޖިލީހުގެ ރައީސް އިންޑިއާއަށް މިކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ލޮކްސަބާގެ ސްޕީކަރ ޝްރީމަތީ މީރާ ކްމާރާ ބައްދަލުކުރެއްވިއެވެ. އެކަމަނާގެ އިތުރުން ސީޝެލްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާއި ނިއުޒިލެންޑްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާއި ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާއި ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގެ ސްޕީކަރއާއި ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި މިޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުމާބެހޭގޮތުން ވާހަކަދެއްކެވިއެވެ. އަދި މިޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު ކުރިމަގުގައި ބައްދަލުވުންތައް ބޭއްވުމުގެ މުހިއްމުކަމާއި މަޖިލިސްތަކުގެ މަސައްކަތްކުރާގޮތް ދެނެގަތުމަށްޓަކައި ޒިޔާރަތްތައް ކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ވާހަކަދެއްކެވިއެވެ.