ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4 އަށް އިޞްލާޙުގެނައުމުގެ ބިލު މަޖިލީހުން ގެނެވުނު އިޞްލާޙަކާއެކު ފާސްކުރައްވައިފި

މިއަދު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 66 ވަނަ ޖަލްސާގައި، ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4) އަށް އިޞްލާޙުގެނައުމުގެ ބިލު މަޖިލީހުން ގެނެވުނު އިޞްލާޙަކާއެކު ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާގައި 56 ވަނަ މައްދާގެ (ށ) ގެ ދަށުން ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4 )ގެ 150 ވަނަ މާއްދާއިން ފެށިގެން 166 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުނިކުރެއްވުމަށް ހުށަހެޅިފައިވާ އިޞްލާޙަށް ވޯޓަށް އެއްސެވުމުން ފާސްވީ އެވަގުތު ޖަލްސާއަށް ޚާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާ ކުރިއަށްގެންދެވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވުން އޮތެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓާގުޅޭ ގޮތުން ވާހަކަފުޅުދައްކަވަން އެދިވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންނަށް ފުރުޞަތު އަރުވައި ނިމުމަށްފަހު، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ހަމަޖެއްސެވުމަށް 21 އޮކްޓޯބަރ 2009 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން، އަލްފާޟިލް ޢަލީ މުޙަންމަދު މަނިކު / ދަފްތަރު ނަންބަރު 1851، އެ ކޮމިޝަންގެ މެންބަރުކަމަށް ހަމަޖެއްސުމަށް ވޯޓަށް އެއްސެވުމުން ފާސްވީ އެވަގުތު ޖަލްސާއަށް ޚާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. އަދި އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން/ މ.ހަޒާރީވިލާ، އެ ކޮމިޝަންގެ މެންބަރުކަމަށް ހަމަޖެއްސެވުމަށް ވޯޓަށް އެއްސެވުމުން ފާސްވީ އެވަގުތު ޖަލްސާއަށް ޚާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ ތެރެއިން 50 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

މިއަދުގެ ޖަލްސާގައި ވަގުތު ހަމަވެގެން ރިޔާސަތުން ޖަލްސާނިންމަވާލެއްވިއިރު ކުރިއަށްގެންގޮސްފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާއެވެ.

62 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 24 ނޮވެމްބަރ 2009 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.