އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވާ އައި.އޯ.ޓީ.ސީ ގައި ދިވެހިރާއްޖޭން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، ޤާނޫނު ނަންބަރު 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވާ “އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަން” (އައި.އޯ.ޓީ.ސީ) ގައި ދިވެހިރާއްޖޭން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ މަރުޙަލާގައި މިބިލަށް ހުށަހެޅުނު އިޞްލާޙަށް ވޯޓަށް އައްސަވައި ފާސްނުވުމުން މިބިލު ދިރާޞާކުރެއްވުމަށް ހޮއްވެވި ވަގުތީކޮމެޓީން ހުށަހެޅުއްވި ގޮތަށް ވޯޓަށް އެއްސެވުމުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން ފެންނަކަމަށް 36 މެންބަރުން ވޯޓުދެއްވައިގެންނެވެ. އަދި ނުފެންނަކަމަށްް 33 މެންބަރަކު ވޯޓުދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެންބަރުން ތިއްބެވިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި “އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަން” (އައި.އޯ.ޓީ.ސީ) ގައި ދިވެހިރާއްޖޭން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމުގެ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ވޯޓަށް އެއްސެވުމުން ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން ފެންނަކަމަށް 67 މެންބަރުން ވޯޓުދެއްވައިގެންނެވެ. އަދި ނުފެންނަކަމަށްް 1 މެންބަރަކު ވޯޓުދެއްވައި ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެންބަރުން ތިއްބެވިއެވެ.

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވަނީ މެންދުރުފަހުގެ ހުސްވަގުތުކޮޅަށް މެދުކަނޑާލުމަށްފަހު 1:30 ގައި އަލުން ފަށައި ކުރިއަށް ނުގެންދެވިގެން 14:14 ގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ނިންމަވާލައްވާފައެވެ. ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށްގެންދަވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބިލުގެ ބަހުސްގެ މަރުހަލާއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 ޖޫން 2011 ވާ ހޯމަ ދުވަހު ހެނދުނު 9:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.