މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމް ހަމަޖައްސަވައިފިއެވެ.
މިއަދުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރުގައިވާ ފަދައިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައަޅުއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ނަންފުޅާއި މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމްގެ ނަންފުޅު ހުށަހެޅުނެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހިމެނުމަށް ހުށަހެޅުނު 2 ނަންފުޅުގެ ތެރެއިން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ނަންފުޅަށް ވޯޓަށް އެއްސެވުމުން މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުން މިނަންފުޅުވަނީ ފާސްނުވެފައެވެ. މިނަންފުޅަށް ވޯޓުދެއްވާފައިވަނީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން ފެންނަކަމަށް 36 މެންބަރުން، ނުފެންނަކަމަށް 37 މެންބަރުންނެވެ. އަދި 1 މެންބަރަކު ވަކި ގޮތަކަށް ވޯޓުދެއްވާފައެއް ނުވެއެވެ.
މިނަންފުޅު ފާސްނުވުމުން ދެން ވޯޓަށް އެއްސެވި މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމް ގެ ނަންފުޅު ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ ތެރެއިން ފެންނަކަމަށް 38 މެންބަރުން، ނުފެންނަކަމަށް 36 މެންބަރުންގެ ވޯޓުންނެވެ. އަދި ވަކިގޮތަކަށް ވޯޓުނުދެއްވާ 1 މެންބަރަކު އިންނެވިއެވެ.
13 ރަޖަބް 1432
15 ޖޫން 2011
————————————————————————————————————–