ޑިމޮކްރަސީއަށް ދިވެހިރާއްޖެ ބަދަލުވި އޮމާން ގޮތް އެއީ ދެވަނައެއް ނެތް ފަދަ މިސާލެއް ނަމަވެސް، ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ރާއްޖެ ދަތުރުކުރަމުންދާ ދަތުރަކީ ދިގު އަަދި އަޑިގުޑަންތައް ގިނަ ދަތުރެއް ކަމަށާއި ގިނަ ގޮންޖެހުންތައް އަދިވެސް އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުން ފެށިގެން އަންނަ ބުދަދުވަހުގެ ނިޔަލަށް ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) އިން ރާއްޖޭގައި ބާއްވާ ކޮމަންވެލްތް ޤައުމުތަކުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މީގެ ތިން އަހަރު ކުރިން ޑިމޮކްރަސީ އަށް ދިވެހިރާއްޖެ އަލިވިލުން ވެގެންދިޔައީ ދިވެހިން އާ ހަރުފަތްތަކަށް ގެންދިޔަކަމެއް ކަމަށެވެ.
ޓްރޭޑާސް ހޮޓަލުގައި ކުރިއަށް ގެންދާ މިމަސައްކަތު ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ މިދިޔަ ތިން އަހަރު ދުވަހުގެ ބޮޑުބައި ފާއިތުވެގެން ގޮސްފައިވަނީ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތަށް ދަޢުލަތުގެ ބާރުތަކުގެ އިންތައް ވަކިކުރުމުގެ މަސައްކަތުގައި ކަމަށާއި އެއީ ތަޖުރިބާއިން ފުރިގެންވާ އަހަރުތަކެއް ކަމަށެވެ.
މިމަސައްކަތު ބައްދަލުވުމުގައި އެމަނިކުފާނު އިތުރަށް ފާހަގަކުރައްވާފައިވަނީ ޑިމޮކްރަސީގެ ނަމުގައި އުއްމީދުތައް ބައެއްފަހަރު ގެއްލޭހާލަތްތައް މެދުވެރިވިކަމުގައި ވިޔަސް ދިވެހިންގެ ބުރަ މަސައްކަތުން، ދާ އޮހޮރުވައިގެން ގެނައި ޑިމޮކްރެސީ ދޫކޮށްލަން ދިވެހިން ތިބީ ތައްޔާރުވެގެން ނޫންކަމުގައެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތްކުރަން ޖެހިވަޑައިގަންނަވާކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ފާއިތުވި 2 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުންވަނީ ރެކޯޑް އަަދަދަކަށް ބިލްތައް ފާސްކުރައްވާފައިވާކަމަށެވެ. އަދި ޙިޔާލުތަފާތުންވުންތަކާއެކުވެސް އެމަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރިއެރުން ހޯއްދަވާފައިވާ އިރު އަދިވެސް ބޮޑެތި އުއްމީދުތަކެއް މަޖިލީހުން ހާސިލްކުރަން ރައްޔިތުން ބޭނުންވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އޭޝިޔާ ސަރަޙައްދުގައި ހިމެނޭ 8 ޤައުމުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންނަށް އަމާޒުކުރައްވައިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދައުރާއި ޙައްޤުތަކާއި ޛިއްމާތަކާ ބެހޭގޮތުން ބޭއްވުނު މަސައްކަތު ބައްދަލުވުން ފެށުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ އިތުރުން ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މަސަކަވާ މަސީރޭ – މޮވަމްބާ އާއި ސީޕީއޭގެ މަންދޫބު ވިޖޭ ބަހުގްނާ ވެސް ވާހަކަދެއްކެވިއެވެ.