ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ ވަކިކުރުމަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަސްވަނަ ޖަލްސާގައި، ޤާނޫނުއަސާސީގެ 165 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންނަށް ކަނޑައަޅުއްވާފައިވާ، އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރެއްވުމަށް މިއަދު ފާސްކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ވަކިކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް 38 ވޯޓު ދެއްވާފައިވެއެވެ. 34 މެންބަރުން ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވާފައިވާއިރު 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގެ 178 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މި މައްސަަލައަށް 2 ގަޑިއިރު ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. އަދި ނުނިމިހުރި މަސައްކަތުގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލުގެ ބަހުސްވެސް ކުރިއަށް ގެންދަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 ޖޫން 2011 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

11 ރަޖަބު 1432

13 ޖޫން 2011