ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުގެ ދައުރާއި ޙައްޤުތަކާއި ޛިއްމާތަކާ ބެހޭގޮތުން ކޮމަންވެލްތް ޤައުމުތަކުގެ މަސައްކަތު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެ

ރައްޔިތުންގެ މަޖިލީހާއި، ކޮމަންވެލްތް ސެކްރެޓޭރިއެޓާއި ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގުޅިގެން ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުގެ ދައުރާއި ޙައްޤުތަކާއި ޛިއްމާތަކާ ބެހޭގޮތުން ކޮމަންވެލްތް ޤައުމުތަކުގެ މަސައްކަތު ބައްދަލުވުމެއް މިމަހުގެ 13 އިން 15 އަށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯކްޝޮފް ގައި ކޮމަންވެލްތް ގައި ހިމެނޭ އޭޝިއާ ސަރަހައްދުގެ ޤައުމުގެތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ވެރިކަންކުރާ ޕާޓީއާއި އަދި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ވޯކްޝޮޕްގައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިންނަށް މަޢުލޫމާތު ދެވޭ ދާއިރާތަކުގެތެރޭގައި ހެޔޮވެރިކަމެއް ކުރުމަށް ހުރި ގޮންޖެހުންތަކާއި، ޤާނޫނު ހަދާ މަޖިލީހުގެ ދައުރާއި، ދެފުށް ފެންނަ ސިޔާސަތާއި ޒިންމާދާރުވުން، ހަރުދަނާ އަދި ސުލްޙަވެރި އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ދައުރު އަދި ދެބަސްވުންތައް ޙައްލުކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި 8 ޤައުމުން ބައިވެރިވާނެއެވެ. އެޤައުމުތަކަކީ ދިވެހިރާއްޖެ، ބަންގްޅަދޭޝް، ބްރުނާއީ، އިންޑިއާ، މެލޭޝިއާ، ޕާކިސްތާން، ސިންގަޕޯރ އަދި ސްރީލަންކާ އެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެތެރޭގައި ސީ.ޕީ.އޭ ގެ މި ދައުރުގެ ޕްރެޒިޑެންޓް ކެންޔާގެ ޕާލިމެންޓްގެ ރައީސް ހިޒްއެކްސެލަންސީ ކެނެތު މަރެންޑޭ ހިމެނިވަޑައިގަންނަވައެވެ. އަދި ސެއިންޓް ލޫޝިއާގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އޮޕްޒިޝަން ލީޑަރ ކެނީ އެންތަނީ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން ބައެއް ޤައުމުތަކުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތަކުންނާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ފަރާތުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

9 ރަޖަބު 1432

11 ޖޫން 2011