ބްރިޓިޝް ހައިކޮމިޝަންގެ އޮފިޝަލަކު މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި

ބްރިޓިޝް ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޕޮލިޓިކަލް އެންޑް ޕަބްލިކް ޑިޕްލޮމެސީ މރ.ޑޮމިނިކް ވިލިއަމްސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތައް މރ.ޑޮމިނިކް ވިލިއަމްސް އަށް އޮޅުންފިލުވާ ދެއްވާފައެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ބައެއް ދަތިތައް ބަޔާންކޮށްދެއްވައި، އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ވަކިން ޚާއްސަގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސެކްރެޓޭރިއެޓްގެ މުވައްޒަފުންނަށް ފަންނީގޮތުން ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބްރިޓިޝް ހައިކޮމިޝަންގެ ދިވެހިރާއްޖެއާއި ބެހޭ ޕޮލިޓިކަލް އަދި ޕްރެސް އޮފިސަރ ޝަހްލާ ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

7 ރަޖަބު 1432

9 ޖޫން 2011