އެކައުންޓްގައި ފައިސާނެތި ޗެކު ދޫކުރުން މަނާކުރުމުގެ ބިލު ބާތިލްވެއްޖެ

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު އެކައުންޓްގައި ފައިސާނެތި ޗެކު ދޫކުރުން މަނާކުރުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައިގައި، ބިލު އިސްލާހުކުރައްވަން ކޮމިޓީއަށް ފޮނުއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް އަދި ބިލު އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރައްވަން ފެނިވަޑައި ނުގަންނަވާކަމަށް މެންބަރުން ވޯޓުދެއްވުމުން ބިލު ބާތިލްވެއްޖެއެވެ.

މި ބިލަށް ގޮތެއް ނިންމެވުމުގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލު ގެ އިބްތިދާއި ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ ރިޔާސަތުން މަޖިލީހަށް އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 13 ޖޫން 2011 ވާ ހޯމަ ދުވަހު ހެނދުނު 9:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

6 ރަޖަބު 1432

8 ޖޫން 2011