މެލޭޝިއާގެ ޤާނޫނު ހަދާމަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ތިމާވެށި ކުރިއެރުވުމާބެހޭގޮތުން އޭޝިޔާ-ޕެސިފިކް ޤައުމުތަކުގެ ޤާނޫނު ހަދާމަޖިލީހުގެ މެންބަރުންގެ މެދުގައި މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރުގައި މިހާރު ކުރިއަށްދާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު މެލޭޝިއާގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މެލޭޝިއާގެ ޤާނޫނުހަދާމަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް އޮނަރަބަލް ޓާން ސްރީ ޕަންދިކަރް އަމިން މުލިއާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި މެލޭޝިއާއާދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން މަޖިލީހުގެ މަސައްކަތްތައް ހަލުވިކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ. ޑިމޮކްރެޓިކް ނިޒާމް ހަރުދަނާކުރުމަށްޓަކައި މަޖިލީހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު މަޖިލީހުގެ ރައީސް ހިއްސާކުރެއްވިއެވެ.

އަދި މިބައްދަލުކުރެއްވުމުގައި މެލޭޝިއާގެ ޔުނިވަރސިޓީތަކުގައި ދިވެހި ކިޔަވާކުދިން މަތީތަޢުލީމް ހާޞިލްކުރައްވަމުންގެންދަވާކަމަށާއި  އަދި މެލޭޝިއާއިން ކިޔަވާ ވިދާޅުވެގެން ވަޑައިގަންނަވާ ބޭފުޅުންގެ ސަބަބުން ޤައުމަށް ވަރަށް ބޮޑު ފައިދާތަކެއް ލިބެމުންދާނެކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް ވިދާޅުވީ ކުރިއަށްއޮތްތަނުގައިވެސް ދިވެހިރާއްޖޭގެ ކިޔަވާކުދިންނަށް މެލޭޝިއާގެ ޔުނިވަރސިޓީތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. މީގެއިތުރުން ޤާނޫނު ހަދާމަޖިލީސް ތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަކީ ވަރަށް މުޙިއްމުކަމެއްކަމަށާއި، މިގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާގެ ޤާނޫނު ހަދާމަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ދެޤައުމަށް ޒިޔާރަތްކުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި މެލޭޝިއާއަށް ވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

6 ރަޖަބު 1432

7 ޖޫން 2011