އިޤްތިޞާދީ އިޞްލާޙް ތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވައިފި

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭގޮތުންނާއި އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން އަޅުއްވަން ގަސްދުކުރައްވާ މުހިއްމު ފިޔަވަޅުތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅެއް މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން މިސިޓީފުޅު މަޖިލީހަށް އިއްވުމަށްފަހު އެސިޓީފުޅުގައި އެސިޓީފުޅާއެކު ފޮނުއްވާފައިވާ ލިއުންތައް މެންބަރުންނަށް ފޮނުއްވާނެ ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި އިޞްލާޙް ކުރަންޖެހޭ ގާނޫނުތަކާއި އަލަށް ތަޢާރަފް ކުރަންޖެހޭ ގާނޫނުތަކުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. އަދި އެ ގާނޫނުތަކުގެ ބިލުތައް މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި ފޮނުއްވަމުން ގެންދަވާނެ ތާވަލްތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން 1 ޖޫން 2011 އިން 15 ޖޫން 2011 އަށް ޓެކްސް ނެގުމާގުޅޭ ޤާނޫނުތަކުގެ ބިލާއި، 15 ޖޫން 2011 އިން 30 ޖޫން 2011 އަށް ވިޔަފާރިއާއިގުޅޭ ޤާނޫނުތަކުގެ ބިލުތަކާއި، ބިމާއިގުޅޭ ޤާނޫނުތަކުގެ ބިލުތަކާއި، ރަހުނާގުޅޭ ޤާނޫނުތަކުގެ ބިލުތަކާއި މާލީކަންކަމާއި ގުޅޭ ޤާނޫނުތަކުގެ ބިލުތައް އަދި 1 ޖުލައި 2011 އިން 15 ޖުލައި 2011 އަށް ކުދިއަދި މެދުފަންތީގެ ވިޔަފާރިއާގުޅޭ ޤާނޫނުތަކުގެ ބިލުތަކާއި، މައްސަލަ ޙައްލުކުރުމާގުޅޭ ޤާނޫނުތަކުގެ ބިލުތައް މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުއްވާނެކަމުގައި ބަޔާން ކުރައްވާފައިވެއެވެ.

30 ރަބީޢުލްއާހިރު 1432

2 ޖޫން 2011