ޔޫ.އެން.ޑީ.ޕީގެ ފަރާތުން ކޮންސަލްޓަންޓެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންއުޅުއްވާ މރ. ލޯރެންސް ލަޗްމަންސިންގ އާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި(1.6.2011)

ޔޫ.އެން.ޑީ.ޕީގެ ފަރާތުން ކޮންސަލްޓަންޓެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ މރ. ލޯރެންސް ލަޗްމަންސިންގ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމަކަށް މަޖިލީހުގެ މެންބަރުންނަށް ޖުލައި މަހު ބޭއްވުމަށް އިންތިޒާމްކުރެވެމުންދާ ކެޕޭސިޓީ ބިލްޑިންގ ސެމިނަރ އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ވަޑައިގެން އުޅުއްވާ މރ. ލޯރެންސް ލަޗްމަންސިންގ ވަނީ މި ސެމިނަރގެ ޕްރޮގްރާމް އެކުލަވާލުމަށް މަޖިލީހުގެ ރައީސްގެ ވިސްނުންފުޅާއި ހިޔާލުފުޅު ހޯއްދަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯއްދެވި އެވެ.

މި ސެމިނަރ އަށް ތައްޔާރުވުމުގެ ގޮތުން އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާވެސް  މރ. ލޯރެންސް ލަޗްމަންސިންގ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި މަޖިލީހުގެ ކޮމިޓީތަކާވެސް މރ. ލޯރެންސް ލަޗްމަންސިންގ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.