ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވައިފި

7 އޯގަސްޓް 2008 ގައި ތަސްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެދަށުން ދައުލަތް ހިންގުމަށް އައި ބަދަލާގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރުއަދާކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފިއެވެ.

12 ނޮވެމްބަރ 2009 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމަށްވެފައި، އެއީ ދިވެހިރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ގާއިމުކުރުމުގެ މަސައްކަތުގައި ޙިއްޞާވާއެންމެ މުހިއްމު މުއައްސަސާ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް އެންމެ ފުރިހަމަ ގޮތުގައި ޑިމޮކްރަސީގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ފަރާތްކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވަމުންގެންދަވާ މިންނެތް މަސައްކަތްޕުޅަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.